ރާ ބުއިމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ.
އެތައް ސަބަބުތަކަކަށް ޓަކައެވެ. ރާބުއިމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމާއި، މީހާގެ ހަމަ ބުއްދި ފިލާ ދިއުމަކީ ރާ ބުއިން ހަރާމް ކުރައްވާފައިވާ މުހިންމު ބައެއް ސަބަބުތަކެވެ. އެކަމަކު މިއަދު ދިވެހިންގެ ތެރޭގައި މަސްތުވާ ހިކި އެއްޗެހި ބޭނުން ނުކުރިޔަސް ރާ ބޯ މީހުން ދަނީ އާންމު ވަމުންނެވެ. ފިރިހެނެއް، އަންހެނެތް ނޯވެ އެވެ.
އެހެން ކަމުން ރާ ބުއިމުން ލިބޭނެ ގެއްލުމުގެ ވާހަކަ ދައްކަން ޖެހެ އެވެ.
ދުނިޔޭގެ ކެންސަރު ރިސާޗް ފަންޑު އަދި އެމެރިކަން އިންސްޓިޓިއުޓް ފޯ ކެންސަރު ރިސާޗުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ދުވާލަކު އެންމެ ރާ ތަށްޓެއް ބުއި ކަމުގަ ވިޔަސް އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމަށް އޮންނަ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. މި ދިރާސާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިކޮށްފައިވަނީ 119 އަންހެނުންނެވެ. އެކަމަކު އުރަމަތީގެ ކެންސަރު ޖެހިފައިވާ 12 މިލިއަން އަންހެނުންގެ މައުލޫމާތު މި ދިރާސާ ކުރުމަށް ބޭނުންކޮށްފައިވެ އެވެ.
އެގޮތުން ފުރާވަރު އުމުރުގެ ކުދިންގެ ތެރެއިން ދުވާލަކު ކުޑަ ތަށްޓެއްގެ ރާ ބޯ ކުދިންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފަސް ޕަސެންޓު ފުރުސަތު ބޮޑެ އެވެ. އަދި ޒުވާން އުމުރާ މެދު އުމުރުގެ އަންހެނުންނަށް ނުވަ ޕަސެންޓު ފުރުސަތު ބޮޑު ކަމަށެވެ.
އުރަމަތީގެ ކެންސަރަކީ އެމެރިކާ ފަދަ ގައުމުތަކުގައި އެންމެ ގިނައިން އަންހެނުންނަށް ޖެހޭ ކެންސަރުގެ ބާވަތެވެ. އުރަމަތީގެ ކެންސަރުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނައިން ކެލްސިއަމް ހުންނަ ކާއެއްޗެހީގެ އިތުރުން ތަރުކާރީ އާއި މޭވާ ގިނައިން ކާންޖެހެ އެވެ. އަދި ގަވައިދުން ކަސްރަތުކޮށް ފަލަވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް