މާލެ އާއި ހުޅުމާލެ އަށް ބޭނުންވާ ފެން ރައްކާކުރެވޭ ވަރުގެ ބޮޑު ފެން ޕްލާންޓެއް ހުޅުމާލޭގައި ހަދަން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު މީޑިއާގައި ވިދާޅުވި ގޮތުގައި މާލެ އާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އަށް ބޭނުންވާ ފެން ޕްލާންޓް ހުޅުމާލޭގައި ގާއިމްކޮށް، ބޭނުންވެއްޖެ ހިނދެއްގައި މާލެއަށް ފެން ފޯރުކޮށްދެވޭނެކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރާނީ ހުޅުލޭ/މާލޭ ބްރިޖްގެ ދަށުން ހޮޅި އަޅައިގެން ކަމަށެވެ.
ފަޒުލް ވިދާޅުވީ އެކަމަށް ހަރަދު ކުރަން ނިންމާފައިވަނީ މިދިޔަ އަހަރު ފަހުކޮޅު އެ ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އުފެއްދި ފަންޑަށް ލިބޭ ފައިސާއިންކަމަށެވެ. އަދި އެއީ މިހާތަނަށް އެމްޑަބްލިއުއެސްސީން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު އަށް ވާނެ ކަމަށެވެ.
ހުޅުމާލޭގައި ބޮޑު ފެން ޕްލާންޓެއް ބެހެއްޓިޔަސް މާލޭގައި މިހާރު ހުރި ޕްލާންޓް ބޭނުން ކުރާނެ އެވެ. އެކަމަކު ތަފާތަކީ ފެން އުފެއްދޭ މިންވަރުގެ ކެޕޭސިޓީ މަތިވުމާއި ރައްކާކުރެވޭ މިންވަރު ވެސް މަތިވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް