މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ސްކޫލް ކުދިންގެ ޕެރޭޑު އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިނިވަން 50 އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ، އެ ޕެރޭޑަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ބައިވެރިވުން ހިމެނޭގޮތަށް ބާއްވާ ސްކޫލު ކުދިންގެ ޕެރޭޑެއް ކަމަށެވެ. ސަލީމް ވިދާޅުވީ، އެ ދުވަހުގެ ޕެރޭޑުގައި އެއް ލައްކައަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ސަލީމް ވިދާޅުވީ، ޕެރޭޑު ކުރިޔަށް ދާނެ ގޮތާއި ބެހޭގޮތުން ސްކޫލްތަކާއިވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަދި މާލެއިން އެކަނިވެސް 22 ސްކޫލެއް ބައިވެރިވާނެ ކަމަށާއި ޕެރޭޑު ފަށާނީ މާފަންނު ސްޓޭޑިއަމްއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އެވެންޓާއެކު އެހެން ކަމެއް ހަމަ އެދުވަހު ކުރިއަށްދާނެ. އެއީ ވައިކުޑައިން ފޭބުމަށް ހަރަކާތް ފެށުމުގެ ރަސްމިއްޔާތު. ސުކޫލު ކުދިން ޕެރޭޑު ނިންމާލުމަށްފަހު އެތަނަށް [މާފަންނު ސްޓޭޑިއަމަށް] ދިއުމާއެކު ވައިކުޑައިން ފޭބުމުގެ ފުރަތަމަ ޓެސްޓު ޑައިވު ވެސް މިހާރު ވާނީ ހަމަޖައްސާފައި. ޓެސްޓު ޑައިވުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް މިހާރު ވަނީ މިހާރު ވަނީ ރާއްޖެއައުމަށް ތައްޔާރުވެފައި. މާދަމާ ނޫން އަނެއް ދުވަހު މެލޭޝިއާއިން އެމީހުން އަންނާނެ،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، ވައިކުޑައިން ފޭބުމުގެ ރަސްމިއްޔާތަށް އައިލެންޑު އޭވިއޭޝަންގެ ފުލައިޓެއްވެސް ތައްޔާރު ކޮށްފައިވާ ކަމަށެވެ.
މިނިވަން 50 ފާހަގަކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ސުކޫލު ކުދިންގެ ޕެރޭޑޭއް ބޭއްވުމަށް ނިންމާފައިވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ "ފަންނުވެރިންގެ ހަވީރުގެ" ނަމުގައި ފުޅަނދު ބުރެއް މާލޭގައި ބާއްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް