ފުރާވަރުގެ ކުދިންނާ ޒުވާނުން ކުށުގެ ނުރައްކާތެރި ޢަމަލުތަކުން ދުރުކުރުވައި ހަރުދަނާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މަގުފަހިކޮށްދިނުމަށް ފުލުހުން ހިންގާ ޙަރަކާތްތަކުގެތެރޭގައި ހިމަނައިގެން މިއަހަރުގެ ފުރަތަމަ ޓާމް ބަންދާ ދިމާކޮށް ރާއްޖޭގެ 3 ސަރަޙައްދެއްގައި ކޭމްޕްތަކެއް ބާއްވަން ފުލުހުން ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިމް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުންނާ ޑިވިޜަންތަކުން އިސްނަގައިގެން ހިންގާ މިކޭމްޕްތައް ބޭއްވުމަށް މިހާރު މަޝްވަރާ ކުރެވެމުންދަނީ ހއ. ހުވަރަފުށީގަ އާއި ށ. ފީވަކުގައި ކަމަށެވެ. އަދި މީގެ އިތުރުން ގދ. ތިނަދޫގަ އާއިފޭދޫ ފިނޮޅުގައި ކޭމްޕް ބޭއްވުމުގެ ތައްޔާރީތައް ވާން ފަށާފައިވާކަމަށެވެ.
"މިރަށްރަށުގެ ތެރެއިން ހއ. ހުވަރަފުއްޓާއި ފޭދޫ ފިނޮޅުގައި ބާއްވަން ހަމަޖެހިފައިވަނީ ބްލޫޒްފޮރ ޔޫތު ކޭމެޕެއް، ބްލޫޒް ފޮރ ޔޫތު ކޭމްޕަކީ ގުރޭޑް 10 ން މަތީގެ ދަރިވަރުންނާ ޒުވާނުންނަށް އަމާޒުކޮށް ހިންގާ ކޭމްޕެއް، ހަރުދަނާ ޒުވާނެއްގެ ގޮތުގައި، ކުށުގެ ނުރައްކާތެރި ޢަމަލުތަކުން އެއްކިބާވެ ޒިންމާދާރު ކަމާއެކު މަސައްކަތުގެ މައިދާނަށް ތައްޔާރުވުމުގެ އެކިއެކި ތަމްރީނުތައް ހިމަނައިގެން ބާއްވާ މިކޭމްޕަކީ ހަތް ދުވަހުގެ މުއްދަތަށް ހިންގާ ކޭމްޕެއް" ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނީ ސްކޫލު ބަންދު ދުވަސްވަރާ ދިމާކޮށް ށ. ފީވަކުގައާއި ގދ. ތިނަދޫގައި ބާއްވަން ހަމަޖެހިފައިވަނީ ރެޑީ ކޭމްޕް ކަމަށެވެ. ގްރޭޑް ހަތެއް އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިކޭމްޕުގައި ދަރިވަރުންނަށް ތަމްރީނު ދެނެވީ ހަރުދަނާ ސިފަވަންތަ ދަރިވަރެއްގެ ގޮތުގައި ދެމި ހުރުމަށާއި ކަންކަމުގައި އިސްނަގައި ޒިންމާދާރު ކަމާއެކު ކުރިމަތިލައި ފައިދާކުރަނިވި ނަތީޖާ ޙާޞިލް ކުރެވޭނެ ފަދަ ޙަރަކާތްތައް މިކޭމްޕުގައި ކުރިޔަށް ގެންދެވޭނެ ކަމަށާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާ މުދައްރިސުންނަށްވެސް ޚާއްބަ ޙަރަކާތްތަކެއް ހިމެނޭ މިކޭމްޕު ހިންގަނީ ތިން ދުވަހުގެ މުއްދަތަށް ކަމަށެވެ.
ފުލުހުން އިތުރަށް ބނީ އަތޮޅުތަކުގައި ފުލުހުން ހިންގާ ކޭމްޕްތަކުގެ ތެރެއިން ސްކޫލުތަކުގެ ޓެސްޓް ނިމުމާއެކު ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ނ. އަތޮޅާ ރ. އަތޮޅާ ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގައި އަމާންވެށި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަމާންވެށި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28،29 އަދި 30 މި ތިންދުވަހު ކަމަށާއި މިކޭމްޕުގައި މައިގަނޑުގޮތެއްގައި ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް ބާރުއަޅައި ގިނަ ޙަރަކާތްތައް ގެންދިއުމުގެ އިތުރުން ޤާނޫނާ ޤަވާޢިދަށް ދަރިވަރުން އަހުލުވެރި ކުރުވައި ކުށުގެ ނުރައްކަލުން ސަލާމަތްވެތިބުމަށް ބޭނުންވާ ހުނަރާ މަޢުލޫމާތު މި ކޭމްޕުގައި ދެވިގެންދާނެ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ފުލުހުން ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ކޭމްޕްތައް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް