މިސްރުގެ ގާހިރާގެ ފުލުސް އޮފީސް ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުހަކު އުމުރަށް ޖަލަށްލުމަށް ގާހިރާގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
އުމުރުން 16 އަހަރުގެ އެ އަންހެންކުއްޖާއަށް ފުލުސްމީހާ ޖިންސީގޯނާ ކުރިކަމަށްވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. ގާހިރާގެ އިމްބާބާ ޕޮލިސް ސްޓޭޝަންގެ ތެރޭގައެވެ. އެ ޕޮލިސްޓޭޝަނަށް އެ އަންހެންކުއްޖާ ހާޒިރު ކުރި ސަބަބެއް ސާފުވެފައެއް ނުވެ އެވެ.
ކޯޓުން އިއްވި ހުކުމުގައި ބުނެފައަވަނީ އެ ކުއްޖާ އަށް ޖިންސީގޯނާކުރީ އެ ކުއްޖާ ލާފައި އިން ގޮޅިން ބޭރަށް ނެރުމަށްފަހުގައި ކަމަށެވެ. އަދި އެގޮތަށް އެކަންކުރީ ސީސީޓީވީއަށް އެމަންޒަރު އަރާނެތީ ކަމަށާއި އަދި ޖިންސީ ގޯނާ ކުރުމަށްފަހު އަލުން ގޮޅިއަށް ލި ކަމަށްވެސް ކޯޓުގެ ހުކުމުގައި ބުނެފައި ވެ އެވެ.
މިސްރުގައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި ނަމަ 25 އަހަރު ޖަލުގައި ހޭދަކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް