މީގެ ހަތް އަހަރު ކުރިން ޗައިނާއާ އެކު ޓްރޭޑް އެންޑް ޓްރާންސިޓް އެގްރީމަންޓްގައި ސޮއިކޮށް ޗައިނާގެ ހަތް ބަނދަރެއް ނޭޕާލަށް ވަދެވޭނެ ގޮތް ހެދިގެންދިޔަނަމަވެސް މިހާތަނަށް މި އެއްބަސްވުމުގެ ދަށުން އެންމެ ޝިޕްމަންޓެއް ވެސް ބަދަލުވެފައި ނުވާ ކަމަށް ކަތުމަންޑޫ ޕޯސްޓުން ބުނެ އެވެ.
އޭރުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހު ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ސޮއިކުރި އެއްބަސްވުމެއްގައި ނޭޕާލަށް ޓިއަންޖިން، ޝެންޒެން، ލިއަންޔުންގަންގް އަދި ޒާންޖިއާންގެ ހަތަރު ކަނޑު ބަނދަރާއި ލަންޒޯ، ލާސާ އަދި ޝިގަޓްސޭގެ ތިން ބިމުގެ ބަނދަރަކަށް ވަދެވޭ ގޮތަށް ވަނީ އެއްބަސްވެފައެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން ނޭޕާލާއި ޗައިނާއާ ދެމެދު ޚާއްސަ ހަ ޓްރާންސިޓް ޕޮއިންޓެއް މެދުވެރިކޮށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ވެސް ދީފައިވާ ކަމަށް ކަތުމަންޑޫ ޕޯސްޓުން ބުނެ އެވެ.
ޓްރާންސިޓް ޓްރާންސްޕޯޓާ ބެހޭ އެއްބަސްވުން ނިންމުމާ މެދު ދެ ފަރާތުން ހިތްހަމަޖެހުން ފާޅުކޮށް، އެއްބަސްވުމުގެ މުހިންމު ބައެއްގެ ގޮތުގައި ވާނެ ޕްރޮޓޮކޯލެއް އެކުލަވާލުމަށް ވަގުތުން މަޝްވަރާތައް ފެށުމަށް ކަމާބެހޭ ފަރާތްތަކަށް ކުރިން ވަނީ އަންގާފައެވެ.
ފަހުން އޭރުގެ ރައީސް ބިދްޔާ ދޭވީ ބަންޑާރީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ޗައިނާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ޓްރާންސިޓް އެންޑް ޓްރާންސްޕޯޓް އެއްބަސްވުން ތަންފީޒު ކުރުމުގެ ޕްރޮޓޮކޯލްގައި ސޮއިކުރެއްވީ ބަންޑާރީ އާއި ޗައިނާގެ ވަފުދު ފެންވަރުގެ މަޝްވަރާތަކަށް ފަހު ކަމަށް ކަތުމަންޑޫ ޕޯސްޓުން ބުނެ އެވެ.
އޭރުގެ މިނިސްޓަރު ފޮރިން އެފެއާޒް ޕްރަދީޕް ގްޔާވާލީ އާއި ޗައިނާގެ މިނިސްޓަރު ފޯ ޓްރާންސްޕޯޓް ލީ ޝިއާއޮޕެންގް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މިނިސްޓްރީ އޮފް އިންޑަސްޓްރީ، ކޮމާސް އެންޑް ސަޕްލައިޒްގެ އޮފިޝަލުން ވިދާޅުވީ، މި ހަތް އަހަރުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި އެންމެ ޝިޕްމަންޓެއް ވެސް ދަތުރުކޮށްފައި ނުވާ ކަމަށެވެ. އެ ޕްރޮޓޮކޯލް ތަންފީޒު ނުކުރެވުމުން ނޭޕާލް ފަރާތުން ވަނީ ޗައިނާގައި އެ ޕްރޮޓޮކޯލް ތަންފީޒު ކުރުމަށް ބައްދަލުވުމެއް ބާއްވަން އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް