މި ހިނގާ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 73 މައްސަލައެއް ހުށަހަޅާފައިވާކަމުގައި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މާރިޗް މަހުގެ ތަފާސް ހިސާބު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ހާމަކޮށްފައިވާއިރު މާރިޗް މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލައެއް ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ. އޭގެ ކުރީ ދެމަހުގެ ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު އެ ބާވަތުގެ 27 މައްސަލަ އަދި ފެބްރުއަރީ މަހުގައިވެސް އެ ބާވަތުގެ 27 މައްސަލަ، ތިން މަހުގެ އެކު ޖުމްލަ 73 މައްސަލަ ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ފާއިތުވި ތިން މަހުގެ ޖުމްލަތަކަށް ބަލައިލާއިރު ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 73 މައްސަލަ، ނަފްސާނީ އަނިޔާ ކުރުމުގެ 50 މައްސަލަ ހިމެނެއެވެ.
މާރިޗް މަހުގެ ތަފާސް ހިސާބަށް ވަކިން ބަލާއިރު ކުޑަކުދިންނަށް ކުރާ އަނިޔާ ތަކުގެ 98 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ. މިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ނިމިގެން ދިޔަ މާޗް މަހު ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތައް ކަމަށެވެ.
އެގޮތުން ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މާރިޗް މަހުގެ ތަފާސްހިސާބު ތަކުގައިވާ ގޮތުން މާރިޗް މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ 206 މައްސަލަ އެވެ.
އަދި މީގެ ތެރެއިން 98 މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 29 މައްސަލަ ފާހަގަކޮށްފައި ވަނީ އިހުމާލުގެ މައްސަލައިގެ ގޮތުގަ އެވެ.
ހަމައެހެންމެ ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ އާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުމުގެ 14 މައްސަލަ އާއި، ޖިންސީ ހާނިއްކައިގެ 13 މައްސަލަ އާއި، ގެވެނި އަނިޔާގެ ނުވަ މައްސަލައާއި، އެހެން ބައެއްގެ ފަރާތުން ގަނާކުރުމާއި ގޯނާކުރުމުގެ ޝިކާރައަކަށް ވުމުގެ ތިން މައްސަލަ އާއި ބްލެކްމެއި ކުރުމާ ގުޅޭ މައްސަލައެއް ވެސް އެ މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.
މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ބުނީ މާރޗު މަހުގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ އާއިލީ މައްސަލަތަކުގެ 18 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ތިން ކުދިން ގެނެސް މާޗް މަސް ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމުލަ 186 ކުދިން އެބަތިބި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް