އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެއެވެ. މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގ...

25 Apr 2023 | 17:40

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގައި ނިޔާވި ޚަބަރުއެހީ ފުންހިތާމައާއި އެކުގައި ކަމަށާއި މަރުޙޫމް މޭޖަރ ޢަލީ ސަލީމަކީ އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެއް ކަމަށެވެ. ޚާއްޞަކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި ފަޔަރ ފައިޓަރުން ތަމްރީން ކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭކަލެއްކަން ފާހަގަކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އަސްކަރީ ޚިދުމަތުގައި މަރުޙޫމް މޭޖަރ ޢަލީ ސަލީމް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން އެމްއެންޑީއެފްގައި ހެދިފައިވާ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގައިވެސް މަރުޙޫމް މޭޖަރ ޢަލީ ސަލީމްވަނީ ގިނަ ޚިދުމަތްތަކެއްކުރައްވާފައެވެ. އެގޮތުން އެމްއެންޑީއެފް ވެލްފެއަރ ބޯޑާއި އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ އިތުރުން ޓްރެއިނިންގ ރިސާރޗް އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަން ވަނީ ކުރައްވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ވެލްފެއަރ ބޯޑްގެ ވައިސް ޗެއަރމަންކަންވެސް ވަނީ ކުރައްވާފައެވެ.

މަރުޙޫމް މޭޖަރ ޢަލީ ސަލީމް ނިޔާވިއިރު ހުންނެވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފައިނޭންސް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ޑައިރެކްޓަރގެ މަޤާމުގައެވެ.

"މަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވާގޮތުގައި މަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ 26 އޭޕްރީލް 2023 ވަނަ ދުވަހުގެ ޢިޝާ ނަމާދަށްފަހު، މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް