އިއްތިހާދު އެއާވޭސް އިން ޔޫއޭއީގެ އަބޫ ދާބީން ލަންކާއަށް ޑައިރެކްޓްކޮށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލައި އެ ދަތުރުތައް ރާއްޖޭގައި ޖައްސާފައި ދާގޮތަށް ނިންމައިފިއެވެ.
އެ އެއާލައިނުން މިހެން ނިންމިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެހެން އެއާލައިންތަކެކޭ އެއްފަދައިން އެ އެއާލައިނަށްވެސް "ގްލޯބަލް ސަޕްލައި ޗެއިން" ގެ ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާއި މި ނިންމުމަކީ އެކަމުގެ ސަބަބުން ނިންމާ ނިންމުމެއް ކަމަށެވެ.
އެގޮތުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަބޫ ދާބީ – ކޮލޮމްބޯ ދަތުރުތައް ނުކުރާނެ ކަމަށާއި ދެން އެ ދަތުރުތައް ކުރާނީ އަބޫ ދަބީ – މާލެ – ކޮލޮމްބޯ ދަތުރުތަކުގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.
އަބޫ ދާބީ – ކޮލޮމްބޯ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް ހަތަރު ގަޑިއިރާ 40 މިނެޓެވެ. މި ބަދަލާއެކު އިއްތިހާދު އެއާވޭސްގައި އަބޫ ދާބީ އިން ކޮލޮމްބޯއަށް ދާން ހަތް ގަޑިއިރާ ބައި ހޭދަވާނެއެވެ.
މި ބަދަލު ގެނައިނަމަވެސް އެ މަގުން ލަންކާއަށް ދަތުރުކުރާ ފަތުރުވެރިން ފްލައިޓުން ފައިބަން ނުޖެހޭނެ ކަމަށް އިއްތިހާދު އެއާވޭސް އިން ބުނެފައިވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި މަޑުކުރާ މަޑުކުރުން އެއް ގަޑިއިރާއި ބަޔާއި ހަމައަށް ދެމިގެން ގޮސްދާނެކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް