އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގޭ ގޮތަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި

އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގޭ ގޮތަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެދީފިއެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި "އީ-ލާނިން ގައިޑްލައިން" އަށް އަމަލު ކުރުން ފަސްކުރުމަށ...

25 Apr 2023 | 14:50

އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގޭ ގޮތަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެދީފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި "އީ-ލާނިން ގައިޑްލައިން" އަށް އަމަލު ކުރުން ފަސްކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ މިއަދުއެވެ.

ހައި ކޯޓުން މިގޮތަށް އަމުރު ނެރެފައި ވަނީ މިއީ ޤާނޫނުއަސާސީން، ޤަވައިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ހައްޤުތަކާއި ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ކޮލިފިކޭޝަން އޮތޯރިޓީން ހަދާފައިވާ ގައިޑްލައިނެއް ކަމަށް ބުނެ އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގަ އެވެ.

މި މައްސަލައިގެ ދައުވާގައި މަންދު ކޮލެޖުން ބުނެފައި ވަނީ ގައިޑްލައިން ބާތިލް ނުކޮށްފި ނަމަ ކުރިއަށް އޮތް އަހަރު ކޮލެޖަށް ޓީޗަ ޓްރެއިނިން އަށް ދަރިވަރުން އެންރޯލް ކުރުމަށް އިއުލާނުކޮށް، އެކަން ނުހިންގޭނެ ކަމަށެވެ.

އަދި މީގެ ކުރިން ކޮލިފިކޭޝަން އޮތޯރިޓީން ވަނީ މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްއަކީ ހާޒިރުވެގެން ނުވަތަ "ފޭސް ޓު ފޭސް" ކޮށް ކިޔަވައިދިނުމާ އެއްހަމަ ކިޔަވައިދިނުމެއް ކަމަށް ބަލައިގަނެ އެގޮތަށް ކިޔަވައިދިނުމުގެ ހުއްދަ ސިޓީއަކުން ދީފައި ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ނިޒާމަށް ބަރޯސާވެ އެކަން ތަރައްގީކޮށް، އޭގެ މައްޗަށް ކޮލެޖް ބައްޓަންކޮށްފައި ވަނިކޮށް އެކަން ހުއްޓުވައިފި ނަމަ ކޮލެޖްގައި ކިޔަވައިދިނުން ހުއްޓުމަކަށް ހިނގައިދާނެ ކަމަށް މަންދު ކޮލެޖުން ބުނެފައި ވެއެވެ.

ހަމައެހެންމެ މަންދުކޮލެޖުން ބުނީ އެ ކޮލެޖުގެ ދަރިވަރުންގެ 40 ޕަސެންޓަކީ ޓީޗިން ދާއިރާގެ ކޯސްތަކުގައި އުޅޭ ދަރިވަރުން ކަމަށާއި އީ-ލާނިންގެ ތެރެއިން މި ކޯސްތަކަށް ގިނަ ދަރިވަރުން ނުލިބޭ ނަމަ ކޮލްޖްގެ އެންރޯލްމަންޓް ދަށްވެ، ވިޔަފާރީގައި ގެއްލުންވެ އަނެއް 60 ޕަސެންޓު ދަރިވަރުންގެ ކިޔެވުން ވެސް ހުއްޓުމަކަށް ހިނގައިދާނެ ކަމަށެވެ.

މީގެ އިތުރުން ޓީޗިންގެ ޑިގްރީ އަދި މާސްޓާސް އަށް ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރު ވެސް ސްކޫލްތަކުގައި ކިޔަވައިދޭ މީހުންނަށް ވުމާ އެކު އޮންލައިންކޮށް ނުކިޔެވޭ ނަމަ، ރަށުން ބޭރަށް ދާން ޖެހި އެތައް ބައެއްގެ ކިޔެވުމަށް ހުރަސްއެޅި ބައެއްގެ ވަޒީފާ ވެސް މިކަމުގެ ސަބަބުން ގެއްލުމުގެ ބިރު އެބައޮތް ކަމަށް މަންދު ކޮލެޖުން ބުނެފައި ވެއެވެ.

އެގޮތުން ދައުލަތަށް ރައްދުވާ ގޮތަށް ކުރި މި ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނެރުނު ވަގުތީ އަމުރުގައި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ދަރިވަރުން އެންރޯލްކޮށް ކިޔަވައިދިނުމަށް ހުރަސް ނޭޅުމަށް އެދިފައި ވެއެވެ.

އަދި އެ ކޯސްތައް ހިންގުމަށް ކުރިން ދީފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވެ ދެމިއޮތް ކަމަށް ބެލުމަށާއި މަންދުގެ ވާޗުއަލް ކެމްޕަސްގައި ބައިވެރިވާ ދަރިވަރުންނަށް އެކަމާ ގުޅޭ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކޮށްދޭން ވެސް އެދިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް