ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާނު ކުރައްވައިފި އެވެ.
އެގައުމުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު ހަތެއްގައި އެވެ. މިހާތަނަށް އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ބައިޑެން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޑިމޮކްރަސީއަށް މަސައްކަތް ކުރުމަކީ ކޮންމެ ޒަމާނެއްގައިވެސް ކުރަން ޖެހޭނެ ކަމަށެވެ. ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ވާދަ ކުރައްވަން ނިންމެވީ ޑިމޮކްރަސީ އާއި މިނިވަން ކަމަށް ވަކާލާތު ކުރުމަށް އެމީހުންގެ ފަހަރު ކަމަށް ދެކިވަޑައިގެންނަވާތީ ކަމަށެވެ.
ބައިޑެން ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީ އަކީ އަބަދުވެސް އެމެރިކާ ރައްޔިތުންގެ ހައްގުތަކާއި އަމިއްލަ މިނިވަންކަން ހޯދައިދޭން މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އޭނާގެ ފުރަތަމަ ދައުރުގައިވެސް ކަންކަން ތަންފީޒު ކުރީ އެގޮތަށް ކަމަށެވެ. ބައިޑެން ވިދާޅުވީ ފުރަތަމަ ދައުރުގައި ބިރުގަނެ ދެވަރާން ޖެހޭ ކަމެއް ނުވާ ކަމަށެވެ.
ބައިޑެން ވިދާޅުވީ އިންތިހާބުގައި ވާދަ ކުރަނީ ކޮންމެ ރައްޔިތަކަށްވެސް ހަމަ ހަމަކަމާއި އެކު ފުރުސަތުތައް ފަހިކޮށްދިނުން ކަށަވަރު ކުރުމަށް ކަމަށެވެ.
ވާދަވެރި ރިޕަބްލިކަލް ޕާޓީއަށް އަމާޒުކޮށް ބައިޑެން ވިދާޅުވީ ނިގުޅައިގެންނަން މަސައްކަތް ކުރަމުންދާ މިނިވަންކަން ގެއްލުނަ ނުދިނުމަށް ފުރިހަމަ ގިޔަރެއްގައި ތިބި ކަމަށެވެ.
ބައިޑެން އަކީ އެމެރިކާގެ ރައީސްކަން ކުރައްވާ އެންމެ އުމުރުން ދޮށީ ބޭފުޅާ އެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު އުމުރުން 80 އަހަރުގެ ބައިޑެން އޮތް އެންމެ ބޮޑު ހުރަހަކީ އުމުރުން ދޮށީވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް