އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މުޅިން މިނިވަން ކުރުން ރަނގަޅު ނޫން ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އީޕީއޭ މިނިވަން ކުރުމާއި ގުޅޭގޮތުން ސުވާލު ކުރެއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.
މިނިސްޓަރު ވިދާޅުވީ އީޕީއޭ މިނިވަން ކުރުމަށް އެންމެ ގަދައަށް ގޮވާލަމުން ދިޔައީ 2015 ވަނަ އަހަރު އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާއި ފާސްކުރުމުގެ ބާރުތައް ޓޫރިޒަމް މިނިސްޓްރީ އަށް ބަދަލު ކުރުމުން ކަމަށެވެ.
އެކަމަކު އެ ބާރުތައް މި ސަރުކާރު ވެރިކަމަށް އައިސް އަނބުރާ އީޕީއޭއަށް ބަދަލުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ވައުދުވެފައި ވަނީ އީޕީއޭ އަކީ މިނިވަންކަމާ އެކީ ހިނގާ މުއައްސަސާއަކަށް ހެދުމަށް ކަމަށެވެ.
އެ އުސޫލުން ހިންގަމުންދާކަން ފާހަގަ ކުރައްވައި ޝައުނާ ވިދާޅުވީ އެމެރިކާ އާއި އިނގިރޭސިވިލާތު އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެ ގައުމުތަކުގައި ވެސް އެގްޒެކެޓިވް ބާރާ ވަކި ކުރެވިފައި ނުވާ ކަމަށެވެ.
ސަރުކާރުގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމަކީ ރާއްޖެ ފަދަ ގައުމަކަށް ރަނގަޅު ނިޒާމަކަށް ނުވާނެ ކަމަށެވެ. އެއީ ރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ގައުމަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ 100 ދުވަހުގެ ވައުދާ އެއްގޮތަށް އީޕީއޭ މިނިވަންކަމާއެކު ހިންގޭނެ ގޮތް ހަދާފައިވާ ކަމަށާއި މިހާރު އެ ކޮމިޝަނަކީ އެއްވެސް ސިޔާސީ ނުފޫޒެއް ވަންނަ ތަނެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް