ފަރަށް ގެއްލުންވި މައްސަލައިގަ އެފްކޮންސްގެ ޖޫރިމަނާ މައާފެއް ނުކޮށްދޭނަން: ޝައުނާ

ތިލަމާލޭ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމާއި ގުޅިގެން ކުރި ޖޫރިމަނާ މައާފު ނުކޮށްދޭނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އާމިނ...

25 Apr 2023 | 06:42

ތިލަމާލޭ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމާއި ގުޅިގެން ކުރި ޖޫރިމަނާ މައާފު ނުކޮށްދޭނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރީ މިދިޔަ އަހަރުގެ އޮގަސްޓު 16 ވަނަ ދުވަހު އެވެ. އެ ޕްލެޓްފޯމް އެފްކޮންސް ކުންފުންޏަށް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.

މި މައްސަލައިގަ ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި އެވެ. މިދިޔަ ނޮވެމްބަރު މަހު ކުރި އެ ޖޫރިމަނާ ދައްކަން ދީފައި އޮތީ އެއް މަސްދުވަހުގެ މުއްދަތެކެވެ.

މި ޖޫރިމަނާ މައާފުކޮށްދިނުމަށް އެ ކުންފުނިން ވަނީ އެންވަޔަރަމެންޓު މިނިސްޓަށް ހުށަހަޅާފައި އެވެ.

މި ހުށަހެޅުމާއި ގުޅޭގޮތުން ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ އެފްކޮންސްއިން މައާފުކޮށްދިނުމަށް އެދުމުން ގާނޫނީ ލަފާ ހޯއްދަވާފައިވާ ކަމަށެވެ. އަދި ލަފާ ލިބުނީ މިނިވަން ތަހުގީގެއް ފަރަށް ލިބުނު ގެއްލުމާއި ގުޅޭގޮތުން ކުރުމަށް ކަމަށެވެ.

ޝައުނާ ވިދާޅުވީ އެ ތަހުގީގުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެކަމަކު ފަރަށް ލިބުނު ގެއްލުމަށް ކޮށްފައިވާ ޖޫރިމަނާ މައާފު ކުރުމުގެ ވިސްނުން ސަރުކާރުގެވެސް އަދި އެކަމަނާގެވެސް ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ ތިމާވެއްޓަށް ދެމުންދާ ގެއްލުންތައް އެންމެ ބޮޑަށް ބަލަމުންދާ ސަރުކާރު ކަމަށެވެ. އެގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 40 މައްސަލައެއްގައި 600 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ އެކި މައްސަލަތަކުގައި ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޖޫރިމަނާތަކުގެ ތިން ބައިކުޅަ އެއްބައި ފައިސާ ދައުލަތަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް