ދިވެހި އުމްރާވެރިޔަކު މައްކާގައި ނިޔާވެއްޖެ

އަލްބުރޫޖް ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަން ފުރިހަމަކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. އެ ގްރޫޕުން ބުނެފައިވާގޮތުގައި ނިޔާވެފައިވަނީ ރަމަޟާން މަހު ޢުމުރާއަށް ވަޑައިގަތް ބޭފުޅެއްކަމުގައިވާ،...

25 Apr 2023 | 04:32

އަލްބުރޫޖް ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަން ފުރިހަމަކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެ ގްރޫޕުން ބުނެފައިވާގޮތުގައި ނިޔާވެފައިވަނީ ރަމަޟާން މަހު ޢުމުރާއަށް ވަޑައިގަތް ބޭފުޅެއްކަމުގައިވާ، ގއ ކޮލަމާފުށީ ގަސްދޮށުގެ މުޙައްމަދު ޒަކީ 83އ، އެވެ. ނިޔާވީ 25 އޭޕްރީލް ވިލޭރޭ މައްކާ ގަޑިން 12 ޖަހާކަންހާއިރު ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.

އަލްމަރްޙޫމް މުޙައްމަދު ޒަކީ ނިޔާވެފައިވަނީ މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަކުރުމަށްފަހު މިދަތުރުގައި އިތުރު ޢުމުރާއެއް ކުރުމަށް މަދީނާގެ މީޤާތު ޛުލް ޚުލައިފާއިން އިޙްރާމް ބަނދެގެން އައިސް މައްކާގެ ހޮޓަލަށް ފޯރިތާ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް އެ ގްރޫޕުން ބުނެއެވެ. އަދި މިދަތުރުގައި އެބޭފުޅާއާއެކު  މައްޔިތާގެ ޢާއިލާގެ ބޭފުޅުންގެ ތެރެއިން އެބޭފުޅާގެ ހުވަފަތްވި އަނބިކަނބަލުންނާއި ދެ ފިރިހެން ދަރީންނާއި އަންހެން ދަރިކަނބަލަކާއި ދެ ދަނބިދަރީން ބައިވެރިވެފައިވާކަމުގައިވެސް އެ ގްރޫޕުން ބުނެއެވެ.

"ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިއްބަވާ ދިވެހި ދަރިވަރުންގެ އެހީތެރިކަމާއެކު މިހާރު ދަނީ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ސަޢޫދީ ޢަރަބިއްޔާގެ ޢުމުރާ އެޖެންޓާއެކު މަސައްކަތް ކުރަމުންނެވެ. މިވަގުތު މައްޔިތާ ބޭއްވިފައިވަނީ މައްކާގެ ކިންގް ފައިޞަލް ހޮސްޕިޓަލްގެ މޯރޗަރީގައެވެ. ހޮސްޕިޓަލުން ދޫކުރާ ލިޔުންތައް ލިބުމާއެކު ހިނެވުމަށްޓަކައި މައްކާގެ ޖާމިޢުލް މުހާޖިރީން ހިނަވާގެއަށް ގެންދެވޭނެއެވެ. މައްޔިތާގެ ކަށުނަމާދުގެ ވަގުތު ކަށަވަރުވީހާ އަވަހަކަށް ޙިއްސާކުރެވޭނެ" އެ ގްރޫޕުން ބުނެފައިވެއެވެ.

އެ ގްރޫޕުން އިތުރަށް ބުނެފައިވަނީ މިދަނޑިވަޅުގައި،  މައްޔިތާގެ ޢާއިލާއަށް ކުރިމަތިވި މި ހިތާމާގައި ހުރިހާ ޢުމުރާވެރީންގެ ފަރާތުން ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި  ކެތްތެރިކަން ދެއްވުން އެދި ދުޢާކުރާކަމަށާއި އަދި މައްޔިތާގެ ފާފަ ފުއްސަވައިދެއްވާ، ރަޙްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް