ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފި

ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމަށްޓަކައި ގާނޫނަށް އިސްލާހުގެނައުމުގެ މަސައްކަތް ފަށާފައިވާކަން އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. އެގޮތުން އެ އޮފީހުން މިއަދު ބުނެފައިވަނީ ދިވެހިރާއްޖޭގެ ޢަދުލު...

25 Apr 2022 | 15:46

ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމަށްޓަކައި ގާނޫނަށް އިސްލާހުގެނައުމުގެ މަސައްކަތް ފަށާފައިވާކަން އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އެގޮތުން އެ އޮފީހުން މިއަދު ބުނެފައިވަނީ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

އެ އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިޞްލާޙުތަކަކީ، ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޝަރުޢީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެކި ސަރަޙައްދުކުގައި ޤާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށާއި، ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން ޢައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ސަރކިޓްތަކެއް ޤާއިމުކޮށް، މެޖިސްޓްރޭޓުން ޢައްޔަންކުރާނީ ކަނޑައެޅޭ ސަރކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށާއި، ކޯޓުތައް ހިންގުމާ ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙުކުރުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމަށާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްޞީލުކުރުމަށާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިޞްލާޙުކުރުމަށާއި، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުޢާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް އިތުރަށް ތަފްޞީލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ، އިޖްތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވަޢުދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް