ޖަޕާނު ސަފީރު ފައިސަލްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްކުރައްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން...

25 Apr 2022 | 09:24

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފައިޞަލާއ، ޖަޕާނުގެ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާއިބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ފައިޞަލް ދެއްކެވި ވާހަކަފުޅުގައި ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ރާއްޖެއާ އެކު މަސައްކަތްކުރާއިރު، އިޤްތިޞާދު ސިންދަފާތު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތައް މެނޭޖްކުރުމުގެ ދާއިރާއަކީ ޚާއްޞަ އިސްކަމެއްދޭ ދާއިރާތައްކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާނުގެ ސަފީރު ވަނީ ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް ވެސް ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި މި އަހަރަކީ ދެ ޤައުމުގެ ގުޅުމަށް 55 އަހަރުފުރޭ އަހަރުކަން ފާހަގަކުރައްވައި މި މުނާޞަބާ ފާހަގަކުރުމަށް ކުރިޔަށްގެންދެވިދާނެ ބައެއް ކަންކަމާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް