ބައެއް ކުންފުނިތަކުގައި ނަމުގައި އާއި އަދި ޝަޚްސު އޮޅުވާލައިގެން އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓާނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލްއިން އިލްތިމާސް ކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ މީސް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް އެ އެކައުންޓް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށާއި އޭގެ އިތުރުން ބޭންކާއި އަދި ބަައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންއާ ގުޅޭ މައުލޫމާތު ހޯދައި އިންޓާނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓުން މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ކަސްޓަމަރުން ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން ބީއެމްއެލްއިން ވަނީ އެގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމަށް، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ބީއެމްއެލުން ވަނީ ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި، އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓާނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯޓީޕީ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް