ކެނދިކުޅުދޫ ގެއަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދައި، މީހަކު ހައްޔަރުކޮށްފި

ނ. ކެނދިކުޅުދޫ ގެއަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދައި، ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ކެނދިކުޅުދޫ ގެއަކުން ވައްކަންކޮށް، 180،000 އަށް ވުރެ ގިނ...

25 Apr 2022 | 08:55

ނ. ކެނދިކުޅުދޫ ގެއަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދައި، ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ކެނދިކުޅުދޫ ގެއަކުން ވައްކަންކޮށް، 180،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް މި މަހު 16 ވަނަ ދުވަހު ފުލުހުންނަށް މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް، މަނަދޫ ޕޮލިހާއި ލަންދޫ ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ވައްކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ބުނެއެވެ.

އަދި އޭނާ ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 150،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން ފުލުހުން ބުނީ އެ ފައިސާ ހޯދާފައިވަނީ ކެނދިކުޅުދޫ ވަލުތެރޭގައި ފޮރުވާފައިހުއްޓާކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މަނަދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް