ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު ޝާން ޝާކިރު ޖަރުމަނު ވިލާތުގެ ސަފީރަކަށް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޝާން އެ މަގާމަށް ހަމަޖައްސަން ހުށަހަޅައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.
ސިޓީގައި ރައީސް ޞާލިހު ވިދާޅުވެފައިވާ ގޮތުގައި ޖަރުމަނަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް (ސީވިޑް ލަތީފް) އަނބުރާ ރާއްޖެ ގެންނަވަން ވަނީ ނިންމަވައިފައެވެ.
އަދި ލަތީފްގެ ބަދަލުގައި ޝާން ހަމަޖައްސަން ވަނީ ނިންމަވައިފައެވެ. ނަމަވެސް ލަތީފް އަލުން ހަމަޖައްސާނެ މަގާމެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.
ޝާން ވަނީ މީގެ ކުރިން ބަންގްލަދޭޝްގައި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުކަމާއި މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައެެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް