އިދިކޮޅުން ކުރިޔަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ފާޑުކިޔުމާއި ގުޅިގެން ސަސްޕެންޑްކުރި އަރަބިއްޔާ ސްކޫލުގެ ޓީޗަރަކަށް މަސައްކަތް ކުރައްވާ ޒަމްޒަމް ފާރިޝްގެ މަސް ދުވަހުގެ މުސާރަ ނުލިބޭނެ ކަމަށް އެންގުނީ އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އޭނާ އަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ޒަމްޒަމް ފާރިޝް އަށް ފޮނުވި ލިޔުމުގައި ވަނީ އޭނާ 30 ދުވަހަށް ސަސްޕެންޑްކުރީ މުސާރަ ވެސް ނުލިބޭ ގޮތަށް ކަމަށްއޮތް ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ބުނީ މުސާރަ ނުލިބޭނެކަން ކުރިން އެންގި ލިޔުމުގައި ޖެހިފައި ވަނީ އޮޅުމަކުން ކަމަށް މިނިސްޓްރީން ފަހުން ބުނެފައިވާ ކަމަށެވެ.
މިނިސްޓްރީގެ އެ ބަދަލާ ގުޅިގެން އޭނާ ނިންމާފައި ވަނީ 30 ދުވަހުގެ މުސާރައިން ތިންބައިކުޅަ ދެބައި އޭނާ ނިސްބަތްވާ ތ. ކިނބިދު އާއި ބ. އޭދަފުއްޓަށް ސަދަގާތް ކުރާށެވެ.
ޒަމްޒަމް ފާރިޝަށް ފޮނުވި ލިޔުމުގައި ކުރިން މިނިސްޓްރީން ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް އޭނާގެ އަމިއްލަ އެކައުންޓުން ޓުވީޓް ކޮށްފައިވާ ކަމަށާއި އެއީ ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓް ތައާރުޒުވާ ކަމެއް ކަމަށެވެ.
މީގެ ކުރިން ވެސް އެ ބާވަތުގެ ކަންކަމުގައި ޒަމްޒަމް ފާރިޝް ހާޒިރުކޮށް، އިރުޝާދުދީ ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް