އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އަޅާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
އެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދަން ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. މައްސަލަ މަޖިލީހުން ބޭރު ކުރަން27 މެމްބަރުން ތާއީދު ކުރެއްވި އެވެ.
އާދަމްގެ މައްސަލައިގަ ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާއި ގާނޫނުތަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ގާނޫނުއަސާސީގެ 29 ވަނަ މާއްދާގެ ދަށުން ލިބިދޭ ކަމަށްވެސް މައްސަލައިގައިވެ އެވެ.
މި މައްސަލަ ހުށަހެޅީ އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާއި ގުޅިގެންނެވެ. އިދިކޮޅުން ބުނީ އެ ގަރާރުން ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށެވެ.
އެ މައްސަލައިގަ އިދިކޮޅުން ވަނީ ގަރާރު ބާތިލު ކުރަން ކޯޓަށް ދާންވެސް ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް