ތ. ދިޔަމިގިލީގައި އެ ރަށުގެ މުދިމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގާ ހައްޔަރުކުރި ހަސަން ސާމިދަށް ދައުވާކުރަން ފޮނުވައިފި އެވެ.
ފުލުހުން ބުނީ ރަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި، ސާމިދު އަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ އިއްޔެ ކަމަށެވެ.
އެ ރަށު މުދިމަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
މުދިމަށް އަނިޔާވެރި ގޮތަކަށް ހަމަލާދޭތަން ފެންނަ ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެގެން ގޮސްފައެވެ. އެ ވީޑިއޯއިން ފެންނަނީ ހަތަރު އަނގޮޅި ކަންމައްޗެއްގައި، އެދުވަހުގެ ހެނދުނު 09:50 ހާއިރު މުދިމު ބައިސްކަލެއްގައި އިން އިރު ކުރިމަތީގައި ސާމިދު ވާހަކަދައްކަން ހުންނަ މަންޒަރެވެ.
އޭނާ ކުއްލިއަކަށް ވަޅި ނަގާ މުދިމުގެ ގަޔަށް ހަރަމުން ދާތަން މި ވީޑިއޯއިން ފެނެއެވެ.
އެ ހާދިސާގައި މުދިމަށް ލިބުނު އަނިޔާތަކާ ގުޅިގެން މާލެ އަށް ގެނެސް އޮޕަރޭޝަނެއް ވެސް ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް