މާލެ ސިޓީ ކައުންސިލްގެ ޕާކް ވޮލީބޯޅަ މުބާރާތުގެ ކިންގް އަކަށް ސާޖިދް، ކުއީން އަކަށް ހައްވަ

މާލެސިޓީ ކައުންސިލުން ބޭއްވި ފުރަތަމަ ޕާކް ވޮލީބޯޅަ މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓަކަށް ޑީވީވީއޭ ޝޫޓާސްގެ އިސްމާއިލް ސާޖިދް (ކުޑަކާއްޓޭ)  އަދި ކުއީން އޮފް ދަ ޓޯނަމެންޓަކަށް ޕޮލިސް ކްލަބް އޭގެ ހައ...

25 Apr 2022 | 05:14

މާލެސިޓީ ކައުންސިލުން ބޭއްވި ފުރަތަމަ ޕާކް ވޮލީބޯޅަ މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓަކަށް ޑީވީވީއޭ ޝޫޓާސްގެ އިސްމާއިލް ސާޖިދް (ކުޑަކާއްޓޭ)  އަދި ކުއީން އޮފް ދަ ޓޯނަމެންޓަކަށް ޕޮލިސް ކްލަބް އޭގެ ހައްވާ ރާޝިދާ ހޮވިއްޖެއެވެ.

ކިންގް އަދި ކޫއީން އޮފްދި ޓޯނަމަންޓަކަށް ކުޑަކާއްޓޭ އަދި ހައްވަ ހޮވިފައިވާ އިރު މި ދެކުޅުންތެރިންނަށް ވެސް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއެވެ.

މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމުވަނީ ހަވާލުކޮށްފައެވެ.

ދެ ޑިވިޝަންގެ ފައިނަލް މެޗް ރޭގައި ކުޅެފައިވާ އިރު މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި ވާދަކޮށްފައިވަނީ ޑީޑީވީއޭ ސްކައި އާއި ޑީޑީވީއޭ ޝޫޓާސް އެވެ. ފައިނަލް މެޗުގައި ޑީޑީވީއޭ ޝޫޓާސް އިންވަނީ ޑީޑީވީއޭ ސްކައިގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާ މި ބައިގެ ޗެމްޕިއަން ކަން ހޯދާފައެވެ.

އަންހެން ޑިވިޝަނުން ދެ ސެޓް އެއް ސެޓުން ޕޮލިސް ކްލަބް އޭ ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރެންސް މައްޗަށް ކުޅެގެނެވެ.

މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 45،000 ރުފިޔާ ވަނީ ދީފައެވެ. ދެވަނަ ޓީމަށް 25،000 ރުފިޔާ ދީފައިވާ އިރު ތިންވަނަ އަށް 15،000 ވަނީ ދީފައެވެ. ހަތަރުވަނަ ޓީމަށް 10،000 ރުފިޔާ އަދި ފަސް ވަނަ ހޯދާ ޓީމަކަށް 5000 ރުފިޔާ ވަނީ ދީފައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުން ތިންވަނަ އަށް ދިޔައީ މޯލްޑިވްސް ވޮލީ ބޯލް ވެޓަރެންސްއެވެ. އަންހެން ބައިން ތިންވަނައަށް ވޮލީބޯލް ޔޫތް ނިއު ޖެނަރޭޝަން ވަނީ ހޮވިފައެވެ. ފަސް ވަނަ އަށް ހޮވިފައިވާ އަންހެން ޓީމަކީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބެވެ. އަދި ފިރިހެން ޑިވިޝަނުގެ ފަސް ވަނަ ޓީމަކަށް ހޮވިފައިވަނީ ކުޑަހެންވޭރު ޔުނައިޓަޑެވެ.

ފިރިހެން ޑިވިޝަނުގެ ހަތަރު ވަނައަށް އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ޑީވީވީއޭ ބުލްސްއެވެ. އަދި އަންހެން ޑިވިޝަނުގެ ހަތަރު ވަނަ އަށް އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ޑީވީވީއޭ ކުއީންސްއެވެ.

މުބާރާތުގެ ރަނަރަޕް ޓީމުތަކަށް ހޮވިފައިވަނީ ފިރިހެން ޑިވިޝަނުން ޑީވީވީއޭ ސްކައި އަދި އަންހެން ޑިވިޝަނުން މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްއެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު ހަތަރު ކުޅުންތެރިން ވަނީ ހޮވާފައެވެ. ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޑީވީވީއޭ ޝޫޓާސްގެ އިސްމާއިލް ސާޖިދާއި އެޓީމުގެ ސޯދިގް މޫސާގެ އިތުރުން ޑީވީއޭ ސަކައިގެ ދެ ކުޅުންތެރިން ކަމުގައިވާ ހުސައިން ޝާހިދް އަދި ސިރްހާން އަބްދުލް ސައްތާރުއެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޕޮލިސް ކްލަބްގެ އައިޝަތް ވިޝާމާ އާއި ހައްވާ ރަޝިދާ އަދި މޯލްޑިވްސް ވޮލީބޯލް ވެޓަރަންގެ ދެ ކުޅުންތެރިން ކަމުގައިވާ އައިޝަތް މާޖިދާ އަދި ފާތިމަތް މަޒިއްޔާއެވެ.

ދޮންގަނޑު ބީޗް ވޮލީ ބޯޅަ ކޯޓުގައި ކުރިޔަށްގެން ދިޔަ މި މުބާރާތުގައި ޖުމްލަ 33 ޓީމު ވާދަކޮށްފައިވެއެވެ. އެއީ އަންހެން 16 ޓީމާއި ފިރިހެން 17 ޓީމެވެ. އަގުބޮޑު ފައިސާގެ އިނާމުތަކާއެކު ކުރިޔަށްގެނދްވުނު މި މުބާރާތަކީ ރާއްޖޭގައި ބޭއްވުނު ޕާކުވޮލީގެ އެންމެ އަގު ބޮޑު މުބާރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް