ޒަމާނީ އޮއިވަރުގެ ސަބަބުން އަޚްލާޤަށް ނުރަނގަޅު އަސަރުކުރާކަމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި، "ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް" މި މައުޟޫއަށް ތަޤްރީރުކުރައްވަމުންނެވެ.
ޑރ. އަލީ ޒާހިރު ވިދާޅުވީ ޒަމާނަކީ ބަދަލުވަމުން އަންނަ އެއްޗެއްކަމަށާއި ދުނިޔޭގައި ކޮންމެ ބިތެއްގައި ހިނގާ ކޮންމެ ކަމެއްވެސް ދުނިޔޭގެ ކޮންމެ ބިތަކަށްވެސް ފޯރާކަމަށެވެ.
ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޖަޒީރާ ޤައުމެއްކަމުގައިވިޔަސް ތަފާތު އެކި އަސަރުތައް އަޅުގަނޑުމެންނަށްވެސް އަންނާނެކަމަށާއި ޒަމާނާއެކުވެގެން އަންނަ ރަނގަޅުކަންތައްވެސް ހުންނަކަމަށެވެ. އެހެންނަމަވެސް ޒަމާނުގެ އޮއިވަރުގެ ތެރެއިން ފިކުރުތަކަށް އަސަރު ކުރާކަމަށާއި ހަމަ އެހެންމެ މި އޮއިވަރުގެ ތެރެއިން އަޚްލާޤަށްވެސް ވަރަށް ނޭދެވޭ އަސަރު ކުރާކަމަށް ވިދާޅުވިއެވެ.
މި މައުޟޫއަށްވާހަކަފުޅު ކުރިއަށް ގެންދަވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ ދުނިޔޭގައި އިންސާނުން ލެއްވި ހިސާބުން ޝައިޠާނާ އިންސާނުން މަގުފުރެއްދުމަށް ވަޢުދުވެ، ޤިޔާމަތާހަމައަށްވެސް އެ މަސައްކަތް ކުރާނެކަމަށް ބުނެ އެގޮތަށް އެކަން ކުރަމުންދާކަމަށެވެ. އަދި ހަމަ އެ ޝައިޠާނާގެ އަވައިގައި ޖެހިގެން އުޅޭ އިންސާނުންވެސް މީސްތަކުންގެ ތެރޭގައި އުޅޭކަމަށް ވިދާޅުވިއެވެ.
ފިކުރަށް މެދުވެރިވާ ނޭދެވޭ ކަންތައްތަކަށް ބައްލަވާލައްވަމުން އޭގެ ތެރޭގައި ފިކުރު ތަޣައްޔަރުކޮށްލާފަދަ ކަންކަން ހިމެނޭކަމަށާއި ދީނީ ހުދޫދުން ނެއްޓިގެން މިނިވަންވުމުގެ ފިކުރު ބައެއް މީހުންނަށް ކުރެވޭކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށްވިދާޅުވެ އިސްލާމްދީން ފިޔަވާ އެހެން ދީނެއް އެދެފި މީހެއްގެ ކިބައިން ހަމަ ކަށަވަރުން ގަބޫލު ނުކުރޭނެކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ މުޖުތަމަޢުތަކާއި ހުޅަނގުގެ ޣައިރު މުސްލިމުންގެ އުޅުމާއި ފެންނަ ގޮތާއި އެއްގޮތްކަން ފާހަގަކުރައްވައި އެފަދަ މީހުންނާއި ތަބަޢަ ވާނެކަމަށް ރަސޫލާ ﷺ އިންޒާރުދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މުޖުތަމަޢަށް ބައްލަވާލައްވަމުން އައުރަ ނިވާވުމުގައި އިސްލާމްދީނުގެ މިންގަނޑުތަކުގެ ތެރޭގައި ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.
މިހާރު ވަރަށް ގިނަ ބަޔަކު ވާހަކަދެއްކުމުގައި ވަރަށް ހަޑިހުތުރު ބަސް ބޭނުންކުރާކަން ފާހަގަކުރައްވާ މިކަން މިގޮތަށް ނުކުރުމަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.
މިއީ ޒަމާނީ އޮއިވަރުގައި ޖެހި ހިނގަމުންދާކަމެއްކަމަށާއި އެފަދަ ހަޑި ހުތުރު ބަސް ބޭނުންނުކޮށް ވާހަކަދެއްކުމުގައި އިސްލާމްދީނުގެ އަޚްލާގަށް ބަލައިގެން އެގޮތަށް ވާހަކަދެއްކުމަށްވެސް ވިދާޅުވިއެވެ.
މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭކަމެއްކަމަށާއި ޒަމާނަށް އަންނަ ބަދަލުތަކާ ހެދި އަޅުގަނޑުމެންގެ މިސްރާބު ނުރަނގަޅު މިސްރާބަކަށް ދިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭނެކަމަށާއި މިކަން ކުރެވޭނީ މާތް ﷲގެ ދީނުގައި ހިފަހައްޓައިގެންކަމަށްވެސް ވިދާޅުވިއެވެ.
ފޯރަމްގައި އައްޝައިޚް ޢަޡްމަތު ޖަމީލުވެސް ވަނީ ތަޤްރީރުކުރައްވާފައެވެ. ޝައިޚް ޢަޡްމަތުގެ ވާހަކަފުޅުގައި ބޮޑަށް ބައްލަވާލައްވާފައިވަނީ ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވުމުގެ މައްޗަށެވެ.
އެގޮތުން މި މުޖުތަމަޢުގައި ރިވެތި ސިފަތަކެއް އެބަހުރިކަމަށާއި ނަމަވެސް އެ ސިފަތައް މަޑުމަޑުން ބީވެ، ބީރައްޓެހިވަމުންދާކަމަށް ވިދާޅުވިއެވެ.
މިނިވަންކަމާއި ހައްޤުތަކުގެ ނަމުގައި ބައެއް މީހުން ވަކާލާތުކުރާކަން ފާހަގަކުރައްވާ ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން ގިނަ ކަންތައްތަކެއް ވަނީ ހިއްސާކުރައްވާފައެވެ.
ދީން އަޅުގަނޑުމެންނަށް ގެނެސްދީފައިވާ ޙައްލުތަކަށްވެސް ޝައިޚް ވަނީ ބައްލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް