ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖަލު ހުކުމްގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކޮށް، ރާއްޖޭގެ ހާލަތު ބަދަލުކުރުމުގައި އިންޑިއާގެ އެހީ އަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އީވާ ފޮނުއްވި ސިޓީގައި ވިދާޅުވީ، ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގާނޫނީ އިމުން ބޭރުގައި ކަމަށެވެ. އެމަނިކުފާނާއި އެހެންވެސް "ސިޔާސީ ހައްޔަރީން" ދޫކޮށްލައި ރާއްޖޭގެ ޑިމޮކްރަސީ ދަމަހައްޓަން އިންޑިއާގެ އެހީތެރިކަން އަނެއްކާ ވެސް ބޭނުންވާ ކަމަށް އީވާ ވިދާޅުވެފައިވެ އެވެ.
އެ ސިޓީގައި، ސަރުކާރުން ގާނޫނުތަކާއި ބައިނަލްއަގުވާމީ ހަމަތަކާ ވެސް ހިލާފަށް، ރާއްޖޭގައި އިންސާނީ ހައްގުތައް ނިގުޅައިގަނެވުމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
ރާއްޖޭއަށް އިސްލާހީ ބަދަލުތަށް ގެނައުމަށް މީގެ ކުރިން ވެސް އިންޑިއާއިން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަން ފާހަގަކުރައްވައި، ރާއްޖެ އަށް ބަދަލެއް ގެންނަން، އިންޑިއާގެ ބާރު އެބަ އޮތް ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވެފައިވަނީ ރާއްޖެ ޑިމޮކްރަސީގެ މަގަށް އެޅުވުމަކީ އިންޑިއާގެވެސް މަސްލަހަތު އޭގައި ހިމެނޭ ކަމެއްކަމަށެވެ.
ނަޝީދު ގާނޫނުތަކާ ހިލާފަށް ހައްޔަރުކުރުމާ ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންދާއިރު، ސަރުކާރުގެ ބައިވެރިން އިދިކޮޅު ކޯލިޝަނާ ގުޅެމުންދާ ކަމަށް އީވާ ވިދާޅުވި އެވެ.
ރާއްޖޭގެ ނޫސްވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން، އާއްމު ރައްޔިތުންނަށް މަރުގެ އިންޒާރު ދިނުން އާއްމުވެފައިވާ ކަމަށް ވިދާޅުވެ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުމާ ގުޅޭ ތަފްސީލް ވެސް ސިޓީގައި އީވާ ހިއްސާކުރައްވާފައިވެ އެވެ.
އިންޑީއާގެ އެހީއަށް އެދި އީވާ ސިޓިއެއް ފޮނުއްވާފައިވާއިރު މީގެ ކުރިންވެސް އެމްޑީޕީން ވަނީ ރާޢްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމާމެދު ފިޔަވަޅުތަކެއް އަޅައިދިނުމަށް އިންޑިއާ ސަރުކާރުގައި އެދިފަ އެވެ. އަދި ނަޝީދު ހައްޔަރުކޮށް ޝަރީއަތް ހިންގަން ފެށުމުގެ ކުރިން ނަޝީދުވެސް އިންޑިއާގެ އެހީއަށް އެދުނެވެ.
އިންޑިއާ ސަރުކާރުން ވަނީ މިހާޜު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް