ކުރުވާހަކަ: ކެހި

ގޭގެ ޕޯޓިކޯގައި އޮތް ކާރަށް ޒާހިރު ބަލައިލިއެވެ. ކާރުގެ ކުރީ ޝީޓުގައި އޭނާގެ އަނބިމީހާ އިނީމައެވެ. ތަންކޮޅެއް ދުރުކަމުން އެމަންޒަރު އޭނާއަކަށް ރަނގަޅަކަށް ނުފެނެއެވެ. އެހެންކަމުން އަލަމާރި އެފުށްމިފުށ...

25 Mar 2024 | 10:01

ގޭގެ ޕޯޓިކޯގައި އޮތް ކާރަށް ޒާހިރު ބަލައިލިއެވެ. ކާރުގެ ކުރީ ޝީޓުގައި އޭނާގެ އަނބިމީހާ އިނީމައެވެ. ތަންކޮޅެއް ދުރުކަމުން އެމަންޒަރު އޭނާއަކަށް ރަނގަޅަކަށް ނުފެނެއެވެ. އެހެންކަމުން އަލަމާރި އެފުށްމިފުށަށް ޖަހައި ދުރުމީ ހޯދައިގެން އައިސް ޒާހިރު އަނެއްކާވެސް އައިސް ކުޑަދޮރުކައިރީގައި ހުއްޓުނީ އޭނާ ބަލަން ބޭނުންވާ ކަމެއް އޮތީމައެވެ. އެކަން ސާބިތުކުރަން ހެތްކެއް ބޭނުންވާތީއެވެ. ދުރުމީގައި ލޯޖަހާފައި އޭނާ ބަލާލީވެސް ޝައްކުވެގެންނެވެ. ފެނުނު މަންޒަރުން ޒާހިރު އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. ކާރުގެ ޑްރައިވަރު ފަޒީލްގެ އަތް ޒާހިރު އަންހެނުންގެ ކަނދުރާއާއި އިސްތަށިގަނޑުގައި ބީހެމުންދާ މަންޒަރު ފެނުމުންނެވެ. ޒާހިރަށް ކާރުތެރެއިން ފެންނަނީ އޭނާގެ އަންހެނުންގެ ފުއްކިބައެވެ. ދެން ފެންނަނީ ފަޒީލްގެ ނިތްކުރިން ތަންކޮޅެކެވެ.

ޒާހިރުގެ ހިތުގެ ހިނގުން އަވަސް ވިއެވެ. ނިއްކުރިން އޮއްދާ ހިއްލާލިއެވެ. އައި ރުޅީގައި ދުރުމި ހޫރާލުމުން އެގޮސް ޖެހުނީ، އަލަމާރީގައި ހުރި ބިޔަ ބޮޑު ބިއްލޫރިގަނޑުގައެވެ. ބަޑިއެއް ޖެހި އަޑުފަދަ އަޑުފަށްގަނޑަކާއި އެކު މުޅި ކޮޓަރީގެ ތެރެއަށް ބިއްލޫރިތައް ވިއްސައިގެން ހިނގައްޖެއެވެ. ދަތްކުނޑި ވިކި ރުޅި ގަދަވެފައި ހުރި ޒާހިރު ކޮޓަރީގެ ދޮރު ހުޅުވާލި އިރު ގޭތެރޭގެ މަސައްކަތްތައް ކުރަން ގެނެސް ފައި ހުރި ބިދޭސީ މީހާ، ޒުބޭދާ ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. އޭނާ އައީ ކޮޓަރީގެ ތެރެއިން ގަދަ އަޑުފައްގަނޑެއް އިވުމުން ވީގޮތް ބަލަންކަން ޒާހިރަށް އެނގެއެވެ.

އެއްޗެކޭ ނުބުނެ ހަރު ހިނގުމުގައި ކޮރިޑޯ ތެރެއިން ޒާހިރު ހިނގައި ގަތީ ސިޑިއާއި ދިމާއަށެވެ. ގަނޑުވަރެއް ފަދަ އެބޮޑު ގެއަކީ ޒާހިރުގެ މިންނަތް މަސައްކަތެވެ. އޭނާގެ އަނބިމީހާ އާއި ދަރީންނަށް އޭނާ އަޅައިދިން ހަވޭއްޔެވެ. މާލޭގައި އެފެންވަރަށް ހެދިފައި ހުރި ގެއެއް ނުހުންނާނެ ފަދަ ރީތި ފުރިހަމަ ގެއެކެވެ. ޒާހިރުގެ އަނބިމީހާ ނަފީސާގެ ބައްޕަގެ ތަރިކައިން ނަފީސާއަށް ލިބިފައިވާ ދިހަހާސް އަކަފޫޓުގެ އެބޮޑު ގޯތީގައި އުތުރު ފަރާތުގައި 10 ބުރީގެ ޓޫރިސްޓު ހޮޓަލަކާއި ސްޕަމާޓެއް އަޅައި، ހަވޭއްޔެއް ފަދަ ބޮޑު އެގެ ބިނާކޮށްފައި ހުރި އިރު އަދިވެސް މައިމަގާއި ގެއާއި ދެމެދުގައި ބޮޑު ހުސްޖާގައެއް އެބައޮތެވެ. އެބިން ފުރާލާފައި އޮތީ ތަފާތު އެކި ބާވަތް ބާވަތުގެ ގަސްގަހާ ގެހި ހައްދާފައިވާ ރީތި ބަގީޗާއަކުން ނެވެ. ހަވީރުގެ ހިތްގައިމު މިވަގުތުގައި އެގެއާއި ގޯތިތެރެ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ.

ސިޑިން ފައިބައިގެން އައިސް ސިޓިންގ ރޫމުގެ ތެރެއިން ގޭގެ މައިދޮރާއި ހަމައަށް ޒާހިރަށް އާދެވުނު އިރު، ޕޯޓިކޯއިން ކާރު ނުކުންނަނީ އެވެ. ޒާހިރަށް ދަތްކުނޑި ވިކުނެވެ. އޭނާ ބޮލުގައި އަތުންޖެހީ އެމީހުން އޭނާއަށް އަތު ނުވާނޭ ހިތާއެވެ. ދެވަނަ ސިކުންތުގައި އޭނާ ފަޓުލޫނުގެ ޖީބުގައި އަތްލީ ސައިކަލުގެ ތަޅުދަނޑި ޖީބުގައި އޮތްކަން ހަނދާން ވުމުންނެވެ. އެއާއެކު އޭނާ ދުއްވައިގަތީ، ޕޯޓިކޯގެ ދެކުނުން އޮތް ކުޑަ ހުސްތަންކޮޅުގައި ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލާއި ދިމާއަށެވެ. ސައިކަލުގައި ގޭގެ މައިގޭޓުން ނުކުންނަށް ޒާހިރަށް އާދެވުނު އިރު ކާރު ނުކުންނަށް ހުޅުވި މައިގޭޓު ލެއްޕެނީއެވެ. އޭނާ ދުންޖަހާފައި ނުކުތީ ވަގުތު ގެއްލިދާނެތީއެވެ. ލެއްޕެމުން އައި ގޭޓުގައި ޒާހިރުގެ ގަމީސް އަޅައި ގަނެ އަތްމަތިން ތަންކޮޅެ ވީދައިގެންވެސް ދިޔައެވެ.

ފަރީދީ މަގަށް ނުކުތް ކާރުގެ ފަހަތުން ޒާހިރު ދުއްވަން ފެށިއެވެ. ދުރު ދުރުންނެވެ. ކާރުގެ ފަހަތުން ޒާހިރު އަންނަކަން އެމީހުންނަށް އެނގޭކަށް ޒާހިރު ބޭނުމެއް ނޫނެވެ. ފަރީދީ މަގުން މަޖީދީމަގަށް ނުކުތް ކާރު ހުޅަނގަށް ގޮސް ނުކުތީ ބޮޑުތަކުރުފާނު މަގަށެވެ. ކާރުގެ މިސްރާބު އިރަށް އަނބުރާލުމުން ޒާހިރު ކުޑަކޮށް ހައިރާންވިއެވެ. ކާރު ދާ ދިމާއެއް ނޭނގޭތީއެވެ. ބޮޑު ތަކުރުފާނު މަގުން ޒާހިރަށް ކާރު ގެއްލުނީ ބުރިޖު ޖަންގްޝަންގެ ޓްރެފިކްގެ ތެރެއިންނެވެ. އަމީނީ މަގު ހުރަސްކޮށް ކާރު ދިޔައީ ބޮޑު ތަކުރުފާނު މަގުން ކަމެއް  ނުވަތަ ކާރު އެރީ ބުރިޖަށް ކަމެއް ޒާހިރަކަށް ޔަޤީނެއް ނުކުރެވުނެވެ.

ޒާހިރު ގެ ފޯން ރިންގުވާން ފެށުމުން ސައިކަލު މަތީގައި އިނދެ ފޯނު ނަގައިފިއެވެ. އެކޮޅު ވާހަކަ ދެއްކީ ޒާހިރުގެ ގާތްރަހުމަތްތެރިޔާ ޝަފީއު އެވެ. އޭނާ އާއި ދެއްކި ވާހަކައެއް ދެއްކުމަށްފަހުގައި ޒާހިރު މިސްރާބު ބަދަލުކޮށްލީ ހުޅުމާލެ ދިއުމަށެވެ.

ބުރިޖުގެ ސައިކަލް ލޭނަށް އަރާފައި ޒާހިރު ސައިކަލުގެ ދުވެލި ބާރުކޮށްލީ މީހަކާ ރޭސް ޖަހާކަށް ނޫނެވެ. އެކަމަކު، ބުރިޖުގެ މެދަކާއި ހަމައިން އޭނާއަށް އަންހެނުން ނަފީސާގެ ކާރު ފެނުމާއި އެކު އަނެއްކާވެސް އޭނާ ދުވެލި މަޑުކޮށްލައިފިއެވެ. އެކާރު ދާތަނެއް ބަލާށެވެ.

ކާރު އައިސް ހުޅުމާލޭ ފެންޓަސީ ހޮޓެލްސް ކައިރިއަށް މަޑުކޮށްލުމާއި އެކު އެއިން ނަފީސާ ފައިބައިފިއެވެ. އެއީ ނަފީސާގެ ވިޔަފާރިއެވެ. އޭނާ ހިންގަމުން އަންނަ ހޮޓަލެވެ. އެކަމާއި ޒާހިރެއް ނުބެހެއެވެ. އެތަނުން ލިބޭ އާމުދަނީ އަކީވެސް ނަފިސާ ބޭނުން ކުރާނެ ގޮތަކަށް ބޭނުން ކުރަންދެވިފައި ހުރި އެއްޗެކެވެ. ނަފީސާ އެތެރެއަށް ވަދެގެން ދިޔުމުން ކާރު ޕާކު ނުކޮށް މަގުހުރިގޮތަށް ހިނގައްޖެއެވެ. ފިނި ނޭވާއެއް ދޫކޮށްލުމަށް ފަހުގައި، ޒާހިރު ސައިކަލުގައި ދުއްވާލީ، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލާއި ދިމާއަށެވެ. ހޮސްޕިޓަލުގެ ޕާކިންގ އޭރިޔާގައި ސައިކަލް ޕާކުކޮށްފައި، ޒާހިރު ވަދެގެން ދިޔައީ، ޑރ ޝަފީއުގެ ކޮޓަރި އާއި ދިމާއަށެވެ. ޒާހިރު އެކޮޓަރިއަށް ވަތް އިރު ޝަފީއު އިނީ ފޯނުން މީހަކާއި ވާހަކައެއް ދައްކާށެވެ.

ޒާހިރު ވަތް ގޮތަށް އިތުރު އެއްވެސް އެއްޗެކޭ ނުބުނެ އެންމެ ފުރަތަމަވެސް އެހީ ނަތީޖާތަކުގެ ވާހަކައެވެ. ޝަފީއު ހީލީއެވެ. އަދި ފައިލެއް ހިފައިގެން ތެދުވަމުން އިހަށް ސައެއް ބޯލަން ހިނގާށޭ ބުންޏެވެ. ދެމީހުން އެކުގައި އެރީ ހޮސްޕިޓަލުގެ އިމާރާތުގެ އެންމެ މަތީގައި ހުރި ބޮޑު ރެސްޓޯރެންޓަށެވެ. އެތަނުގެ ޕްރައިވެޓް ރޫމަކަށް ޒާހިރު ގޮވައިގެން ޝަފީއު ވަނީ، އެހެން މީހުންނަށް އަޑުއިވޭ ތަނެއްގައި ދެއްކޭނެ ވާހަކަ އަކަށް އެވާހަކަ ނުވާތީއެވެ.

" ބައެއް ހަޤީޤަތްތަކަކީ އެނގުމަށް ވުރެ ނޭނގުން ރަނގަޅުކަންކަން. ހަމަ ރީތިކޮށް ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނައިރު ކީއްވެތަ އަނބިމީހާއަށް ފާރަލަނީ. ދެމީހުންނަށްވެސް ތަނަވަސް ކަމާއި މިނިވަންކަން އެބައޮތެއްނު." ފުރަތަމަ ވާހަކަފެށީ ޝަފީއު އެވެ.

" ތީ ތެދަކަށް ވެދާނެ. އަބަދު ޝައްކެއްގެ މަތީގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު މިއަދު ޔަޤީންވެއްޖެ އަހަރެންނަށް މިކުރެވެނީ ޝައްކެއް ނޫންކަން. މިޝައްކު ކުރެވޭތީ، އަހަރެން ޑީއެންއޭ ހަދައިގެން ބަލަން ބޭނުންވީ." މާނޭވާއެއް ލަމުން ޒާހިރު ބުންޏެވެ.

"ކޮންކަމެއް ޔަޤީންވީ" ޝާފިއުވެސް ބޭނުންވީ އޮޅުން ފިލުވާށެވެ. ޒާހިރަކީ ޝާފިއުގެ ރަހުމަތްތެރިއެކެވެ. އޭނާއަށްވެސް ރަނގަޅު ތަނަވަސް ދިރިއުޅުމެއް ފެނުނީ ޒާހިރުގެ ހެވަތުންނެވެ. އެހެން ކަމުން ޒާހިރަށް ދެރައެއް ލިބޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެން ނޫނަސް ދެމަފިރިއެއްގެ ދެމެދުގައި މައްސަލަ ޖެހޭނޭ ސިއްރެއް ހާމަކުރުމަށް ވުރެ ރަނގަޅީ އެފަދަ ކަމެއް ނުކުރުން ކަމުގައި އެއީ ޝާފިއު އަބަދުވެސް ޤަބޫލު ކުރާ ގޮތެވެ.

"ނަފީސާގެ ޑްރައިވަރު ފަޒީލު އާއި ނަފީސާ އާއި ދޭތެރޭ އޮތީ އާދައިގެ ގުޅުމެއް ނޫން." ޒާހިރު ބަލާލި ދުރަށެވެ.

"ތިވަރަށް ޝައްކު ކުރާކަށް ނުވާނެ. މިހާރު ދަރީންވެސް އެތިބަ ބޮޑެތި ވަނީ. މިހާރަކު ނޫނެއްނު ނަފީސާ ވިޔާ ނުދާ ވާންވީ" ޝަފީއު ބޭނުންވީ ޒާހިރުގެ ހިތްހަމަ ޖައްސައިދޭށެވެ.

"އެއްފަހަރު މާފުކޮށް ފުރުޞަތެއް ދިނިން. ދެނެއް ނުދެވޭނެ" ޒާހިރު ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ އެ އިޝާރަތްކުރީ ދޮށީ ދަރިފުޅު ޒުހޭރާ ކުޑައިރު ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލަ އަށެވެ. އެފަހަރުވެސް ނަފީސާ އޭނާގެ މަދުރަސީ ދައުރުގެ ލޯބިވެރިއަކާއި ގާތްގުޅުމެއް ބޭއްވިކަން ޒާހިރަށް ފަޅާއެރީއެވެ. ޒާހިރު ނަފީސާ ވަރިނުކުރީ އޭނާ ދެން އެފަދަ ގޮތަކަށް ނޫޅޭނޭ ކަމުގައި އަހުދު ވީމައެވެ. އެހެން ނަމަވެސް އޭގެ ފަހުން އެދެމީހުންގެ ގުޅުން ވަނީ ކުޑަވެފައެވެ. އެދެމެދުގައި މިއަދާހަމައަށްވެސް ވަނީ ފާޑެއްގެ ނަފުރަތެއް އުފެދިފައެވެ. އެކަން ޒާހިރު ފާޅު ނުކުރަނީއެވެ.

ދެވަނަ ދަރިފުޅަށް ނަފީސާ ބަލިވެ އިނީވެސް އެމައްސަލަ ގަނޑުގެ ތެރޭގައި ދެމަފިރީންގެ ހަޔާތް އޮޔާދަމުން ދިޔަ ދުވަސް ވަރުގައެވެ. މިއަދު ދެކުދީންވެސް ބޮޑެތި ވެއްޖެއެވެ. އެއްކުއްޖަކަށް 14 އަހަރެވެ. އަނެއް ކުއްޖާއަށް 18 އަހަރެވެ. އެހެން ނަމަވެސް ނަފީސާ އާއި އެކު ޒާހިރު ވޭތު ކުރި އެދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެކޭ ނުބުނެވޭނެއެވެ. ފައިސާ އާއި ތަނަވަސްކަން އޮތަސް އާއިލީ ލޯތްބާއި އޯގާތެރިކަން، ޒާހިރުގެ ނަސީބަކު ނެތެވެ. ފަގީރުންގެ އަވަށްގަނޑެއްގައި ދިރިއުޅޭ ދަނޑުވެރިއަކުވެސް އޭނާއަށް ވުރެ އުފަލުގައި އުޅޭނެކަން ޒާހިރަށް އެނގެއެވެ.

ވާހަކައިގެ ވަކި ހިސާބަކުން ޒާހިރު އެކޮޓަރިން ނުކުމެއްޖެއެވެ. ޝަފީއު ޒާހިރު ތެދުވެގެން ދާންފެށީމާ ގޮވަންވެސް ގޮވިއެވެ. އެކަމަކު ޒާހިރު އަޑެއް ނޭހިއެވެ. އޭނާ ނުކުތީ ބޭރަށެވެ. ސައިކަލަށް އަރައި އޭނާ ހުޅުމާލޭ ބޮޑުމަގުން ދުއްވާލީ، ހުޅުލެއާއި ވީކޮޅަށެވެ. މާލެ ދިޔުމަށެވެ.

ޒާހިރުގެ ސައިކަލުގެ ދުވެލި ބާރުކަމުން މަގުމަތިން ހިނގާފައިދާ މީހުންވެސް އެއްފަރާތަކަށް އަރަނީ ކެވިގެންނެވެ. ރަންވޭ ހުރަސްކޮށް ބުރިޖަށް އޮތް ހަނި މަގުން ގޮސް، ޓްރެފިކް ބައްތިއަށްވެސް މަޑުކޮށް ނުލައި ޒާހިރު އެއާ ޕޯޓުގެ ރަންވޭ ހުރަސްކުރީ އޭނާ ހުރީ މުޅިން ހަމަހޭގައި ކަމަށް ނުވާތީއެވެ. ރަންވޭގައި ޖައްސަން އައި ސްރީލަންކަން އެއާލައިންސްގެ ބިޔަ މަތިންދާ ބޯޓުގެ އިންޖީނުގެ ވައިގައި ޖެހި ޒާހިރުގެ ސައިކަލުގެ ފުރޮޅު ކަހާލައިގެން އޭނާ ނުވެއްޓުނީވެސް ކިރިޔާއެވެ. އޭނާއަކީ، ބާރަށް ސައިކަލްދުއްވަން އާދަވެފައިވާ މީހަކަށް ވިޔަތީ ނުވެއްޓި ސަލާމަތް ވީއެވެ. ރަންވޭ ކްރޮސިންގ ބަލަހައްޓަން ތިބި ސެކިއުރީޓީ ގާޑުންވެސް ޒާހިރު ހިފެހެއްޓޭތޯ އުޅުނެވެ. އެކަމު ގަޑިއަކު 120 ކިލޯ މީޓަރު ބާރުމިނުގައި ޒާހިރު ދުއްވަމުން ދިޔަ ސައިކަލު އެސްފިޔަ ޖަހާލާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ ލޮލަށް ގެއްލުނީއެވެ.

ގެއަށް އައިސް ވަތް އިރު ޒާހިރު ހުރީ ލޮޑުވެފައެވެ. ކުޑަ ދަރިފުޅު ނުހާދަށް ސިޓިންގ ރޫމުގެ ސޯފާގެ ތެރޭގައި ނިދިފައި އޮތެވެ. އޭނާ ކިޔަންގެންގުޅުނު ވާހަކަފޮތް އޭނާގެ މޭމައްޗަށް ވެއްޓިފައި އޮތެވެ. ޒާހިރު ދަރިފުޅާއި ހަމައަށް އައިސްފައި ހުއްޓުނެވެ. އޭނާގެ ހިތް އޭނާއަށް މަލާމަތްކުރަނީ އެވެ. ކާޅު ހާލީގައި ކޮވެލި ބޮޑުވާ ވާހަކަ އޭނާ އަޑު އަހަނީ، މީހުން ބުނާތީއެވެ. އެކަމަކު އިންސާނުންގެ ތެރޭގައި އެކަން ހިނގާފާނެ ކަމެއް އޭނާ ހިއެއް ނުކުރެއެވެ. ނަފީސާ އަކީ އެހާ ބޭވަފާތެރި އަންހެނެއް ކަމަށް އޭނާ ހިއެއް ނުކުރެއެވެ. ނަފީސާ ދެކެ ޒާހިރު ލޯބިވިއެވެ. އެކަމަކު އެލޯބި ހިނދުކޮޅެއްގެ ތެރޭގައި ވަނީ ނަފުރަތަށް ބަދަލުވެފައެވެ.

ޒާހިރު ކޮޓަރިއަށް އައިސް ވަތް އިރު ކޮޓަރިތެރެ އޮތީ  ބިއްލޫރިތައް ނަގައި ސާފުކޮށްފައެވެ. ތަރުތީބުކޮށްފައެވެ. ޒާހިރު އަލަމާރީގެ މަތީގައި އޮތް ކުޑަ ދަތުރުފޮށި ނަގައި އެއަށް އެއްޗެހި އަޅަންފެށިއެވެ. އޭނާ ބޭނުން ވަނީ ދެން މިގެއިން ދާށެވެ. މިދިރިއުޅުމުން އަތްދޫކޮށްލާށެވެ. އެނޫންގޮތެއް އޭނާއަކަށް ނުވިސް ނުނެވެ.

ފޮށިތައްޔާރު ކުރުމަށްފަހު ފާޚާނާއަށް ވަދެ ފެންވަރާލުމުން ޒާހިރުގެ ރުޅި މަޑުވެއްޖެއެވެ. ކަންކަމާއި މެދު ވިސްނޭ ވަރުވެއްޖެއެވެ. ޒާހިރު ފާޚާނާއިން ނުކުތް އިރު ނަފީސާ ހުރީ އަލަމާރީ ކައިރީގައެވެ. ޒާހިރު ނުކުތުމުން ޒާހިރަށާއި އެނދުމަތީގައި ހުރި ފޮއްޓަށް ނަފީސާ ބަލާލީ މައުނަވީ ބެލުމަކުންނެވެ. ޒާހިރު އައިސް ޑްރެސިންގ ޓޭބަލް ކައިރީ ހުރެ ރީތިވާން ފެށިއެވެ. ކޮޓަރީގެ ތެރޭގައި ދެމީހުން ހަރަކާތްތެރިވަމުން ދިޔަނަމަވެސް ކޮޓަރީގައި ވަނީ ހަމަހިމޭން ކަމެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ރީތިވެ ނިމުމަށް ފަހު، ފޮށީގެ އެންމެ މަތީގައި އޮތް ކަރުދާސް ފައިލްތައް ނަގައި ޒާހިރު ފޮށި ބަންދުކޮށްލިއެވެ. އަދި އެ ފައިލް ނަފީސާއަށް ދިއްކޮލަމުން، ޒާހިރު ނަފީސާއަށް ތިޔަހުރީ ވަރިކޮށްފައޭ ބުނުމާއި އެކު ނަފީސާވީ ހައިރާނެވެ. ނަފީސާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަށާރަ އަހަރުވީ ކައިވެނި ރޫޅިގެން ދިޔަގޮތުން އޭނާ ހުރީ އަނގައިން ބަސް ހުއްޓިފައެވެ.

ޒާހިރު ނުކުމެގެން ދިޔައިރުވެސް ނަފީސާއަށް ހުރެވުނީ ބަލާށެވެ. ވީކީއްތޯ އަހާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ހިތުގައި އޮތް ބިރެއްގެ ސަބަބުންނެވެ. އެތައް ޒަމާނެއް ވާންދެން ޒާހިރަށް އޭނާ ސިއްރުކޮށްފައިވާ ކަންކަން ބޭޒާރުވީއޭ ހީވުމުންނެވެ. ޒާހިރު ދިއްކޮށްލި ފައިލް ބަލާލާފައި ނަފީސާ އަނބުރައި ނުގަތީ ކިރިޔާއެވެ. އޭނާއަކީ މިހާރު ވަޒީފާއަކަށް ނުދިޔަނަމަވެސް މެޑިސިންގ ދާއިރާއިން އެމްބީބީއެސް ހަދާފައި ހުރި ޑޮކްޓަރެކެވެ. ދުވަސް ކޮޅަކު އޭނާ ސަރުކާރު ހަސްފަތާލުގައި މަސައްކަތްވެސް ކުރިއެވެ. އެކަމަކު، ފިރިމީހާ ޒާހިރުގެ މަސައްކަތުން ލިބުނު ތަނަވަސް ކަމާއި އެކު އާމުދަނީ ހޯދުމަށް ވަޒީފާއެއް އަދާކުރުމުގެ ބޭނުމެއް ނެތުނީމާ އޭނާ ވަޒީފާއަށް ނުގޮސްހުއްޓާލީއެވެ.

އެ ލިޔުންތަކުގެ ތެރޭގައި ނާހިދު އާއި ނުހާދު އަދި ޒާހިރުގެ ޑީއެންއޭ ރިޕޯޓް އޮތެވެ. ޒާހިރަށް އެއިން ނަތީޖާއެއް ނޭނގުނަސް އެޓެސްޓްތައް ހަދާނީ އޭނާއަށް ކޮންމެވެސް ކަމެއް ޝައްކުވެގެން ކަމާއި، މެޑިކަލް ޑޮކްޓަރެއްގެ ގާތުން އޭނާއަށް އެކަން ޔަޤީން ކުރެވުނީކަން ނަފީސާއަށް އެނގުނެވެ.

މިވީ 18 އަހަރުގެ ތެރޭގައި ޒާހިރު މަސައްކަތްކުރީ ތަނަވަސް ދިރިއުޅުމެއް ހޯދާށެވެ. އެކަން އޭނާ ކާމިޔާބު ކުރިއެވެ. އެކަމަކު އެކަމުގައި އޭނާ ހޭބޯ ނާރައި އުޅުނު އިރު ނަފީސާ އައީ އޭނާއަށް ކެހި ދެމުންނެވެ. އެކި ފަހަރު ޑްރައިވަރުންގެ ގޮތުގައި ގޭގައި މަސައްކަތްކުރި ފިރިހެނުންނާއިއެކު ގުޅުންތައް ބާއްވަމުންނެވެ. ޒާހިރަށް ސިއްރުންނެވެ. ނިހާދާއި ނުހާދަކީ، ނަފީސާ ގެންގުޅުނު ވަގުފިރިއެއްގެ ދަރިންނެވެ. އެކަން އެނގެނީ މިއަދާއި ހަމައަށްވެސް ނަފީސާއަށް އެކަންޏެވެ. އެކަމަކު އެ ސިއްރު ނަފީސާ އެންމެ އެނގެން ބޭނުން ނުވި މީހާއަށް އެނގި ބޭޒާރުވީއެވެ.

ޒާހިރު ފުރައިގެން ދިޔަ ތަނެއް ނަފީސާ އަކަށް ނޭނގުނެވެ. އެވާހަކަ މީހެއްގެ  ގާތުގައި ދައްކާކަށް އޭނާއަކަށް ނުކެރުނެވެ. ޒާހިރުގެ ވަކިވެ ދިޔުމާއި އެކު، އެބޮޑު ވިޔަފާރިއާއި މުދާތައްވެސް އެހެން މިހެން ގޮސް ގެއްލި ހުލިވާން ފެށީއެވެ. ބަލަހައްޓާނޭ ރަނގަޅު މީހަކު ނެތިގެންނެވެ. މުވައްޒަފުންގެ ތެރެއިން އިސްކޮށް ތިބި މީހުންގެ ކެހިވެރިކަމާއި ހިޔާނާތްތެރިކަމުންނެވެ.

ޒާހިރު ފުރައިގެން ދިޔައީ ޔޫރަޕަށެވެ. ކުންފުނީގެ އޯވަސީސް ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާތައް އޭނާގެ އަމިއްލަ އެކައުންޓްތަކަށް ބަދަލުކޮށް، އެތަނުގައި އަލުން ވިޔަފާރިއެއް ފަށައި ދިރިއުޅުމެއް ފެށީއެވެ. ނަފީސާ އާއި ރާއްޖޭގެ މަތިންވެސް ހަނދާން ނައްތާލީއެވެ. ދިރިއުޅުމުގައި އަންހެނެއްގެ ފަރާތުން އޭނާއަށް ލިބުނު ކެއްސަށްޓަކައެވެ.

---------

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް