މޮޓޯކޭޑު ހުއްޓުވައިގެން ހައްޔަރު ކުރި އައްބާސްގެ ބަންދަށް ފަސް ދުވަސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު ހުއްޓުވި މައްސަލައިގަ އެންމެ ފަހުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރ...

25 Mar 2023 | 16:44

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު ހުއްޓުވި މައްސަލައިގަ އެންމެ ފަހުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންތަކެކެވެ.

މިމައްސަލައިގަ ފުލުހުން އެރޭ ހަތަރު މީހުން ހައްޔަރު ކުރި އެވެ. އޭގެ ފަހުން ރޭ ހައްޔަރު ކުރީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސް އެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ބަންދަށް ޖަހައިދީފައިވެ އެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހިކަން ހާމަ ކުރީ ޕީޕީއެމްއިންނެވެ.

މި މައްސަލައިގަ މިހާރު ހައްޔަރުކޮށްފައި ތިބީ ހަތަރު ފިރިހެނުންނާއި އަންހެނެކެވެ. އޭގެ ތެރެއިން ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ ފިރިހެނެއްގެ ބަންދަށް ވަނީ15 ދުވަސް ޖަހާފައި އެވެ.

އަނެއް ފިރިހެން މީހާ އާއި އަންހެން މީހާގެ ބަންދަށް ފަސް ދުވަސް ޖެހި އިރު އެ މުއްދަތު މިއަދު ހަމަވާނެ އެވެ. އެމީހުން ބަންދާއި މެދު ގޮތެއް ނިންމި ކަމެއް އަދި ނޭނގެ އެވެ.

މޮޓޯކޭޑު ހުއްޓުވި މައްސަލައާއި ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުން ޕްރެސިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު، ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑުކޮށް އެ މައްސަލަ ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ.

މިއީ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް