ނަޝީދު ހިމެނެންޏާ ޖޭޕީއާ އެއްގަލަށް އަރަން ސަލަފުން ބޭނުމެއް ނުވޭ !

ރިޔާސީ އިންތިހާބު ބޯމަތީގައި އޮތް އިރު ކުރިމަތިލާނެ ކަމަށް ބެލެވޭ ކެނޑިޑޭޓުން އަންނަނީ އެގޮތް މިގޮތުން އެބައެއްގެ ކޮޅު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބައްދަލުވުންތަކާއި މަޝްވަރާ...

25 Mar 2023 | 08:43

ރިޔާސީ އިންތިހާބު ބޯމަތީގައި އޮތް އިރު ކުރިމަތިލާނެ ކަމަށް ބެލެވޭ ކެނޑިޑޭޓުން އަންނަނީ އެގޮތް މިގޮތުން އެބައެއްގެ ކޮޅު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބައްދަލުވުންތަކާއި މަޝްވަރާތަކާއި މިދިޔަ ހަފްތާ ނިމުމަކާއި ހަމައަށް ވަރަށް ފޯރީގައި ކުރިއަށް ދިޔައެވެ. ވަކިން ބޮޑަށް ޖޭޕީގެ ހެލިފެލިވުން އިތުރުވެގެންދިޔަ މަންޒަރު ފެނިގެންދިޔައެވެ.

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއިން މައުމޫންގެ ޕާޓީ އެމްއާރްއެމް އާއި ބައްދަލުކުރިއެވެ. ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުންވެސް ޖުމްހޫރީ ޕާޓީއެކު މަޝްވަރާތައް ކުރިއަށްގެންދިޔައެވެ. އަދި ހަމަ އެހެންމެ ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް އިންތިހާބަށް ބައި ހަމަކުރުމުގައި ކޮންމެވެސް ވަރެއްގެ ބާރެއް، ނުފޫޒެއް ފޯރުވާ ސަލަފް ޖަމިއްޔާއާއި އެކުގައިވެސް ޕާޓީތަކުން ބައްދަލުކުރިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ސަލަފާއި ބައްދަލުކޮށް މަޝްވަރާ ކުރިއެވެ.

ސަލަފާއެކު ޖޭޕީން ފާޅުގައި އެއް ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު ސިއްރިއްޔާތުގައިވެސް ސަލަފާއެކު މި ހަފްތާ ބަންދުގައި ޖޭޕީން ބައްދަލުވުމެއް ކުރިއަށް ގެންދިޔަކަމަށް ވެއެވެ. މަޝްވަރާގެ އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސަން އައިލެންޑްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެ ބައްދަލުވުމާއި ގުޅޭގޮތުން ޖޭޕީއިންވެސް އަދި ސަލަފް ޖަމިއްޔާއިންވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް ޖޭޕީގެ އެތެރޭގެ ބައެއް ކޮޅުކޮޅުން މައުލޫމާތު ލިބޭގޮތުގައި ޖޭޕީއާއެކު ކުރިއަށްދާން ސަލަފުން އަދި ތިބީ އެހާ ރުހިގެނެއް ނޫނެވެ. ސަބަބަކަށް ވަނީ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފިކުރާއި ގާސިމްގެ ގުޅުން ބޮޑުކަން ބޮޑު މަންޒަރުން ފެންނަމުން ދިއުމެވެ.

ރައީސް ނަޝީދަކީ ސަލަފުން އެހާ ރުހޭ ބޭފުޅަކަށް ނުވެއެވެ. ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ފިކުރަކީ ދީނީ އިލްމުވެރިން އަބަދުވެސް ފާޅުގައި ދެކޮޅު ހަދާ ފިކުރެއްކަން އަބަދުވެސް ފެންނަން އޮވެއެވެ.

ކަން މިހެން އޮތުމާއެކު ޖޭޕީއަށް މިވަގުތު އޮތް ގޮންޖެހުމަކަށް ވެފައިވަނީ ސަލަފާއި ނަޝީދާއެކު އެއް ގަލަކަށް އެރުމަށް އޮތް ގޮންޖެހުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް