ޝަރީއަތް ނިމެންދެން ވާނުވާ ބަންދު ޖަހާ މައްސަލައިގަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ސިޓީ ރައީސަށް ފޮނުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މާނަކޮށްފައިވާ ގޮތަށް ބަލައި، އެއީ ގާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށް ވެފައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާއަކީ އެ މަނިކުފާނު އަދާކުރައްވަންޖެހޭ ޒިންމާއެއް ކަމަށް އެމްއެންޕީން ދެކޭތީ ކަމަށް ބުންޏެވެ.
އެމްއެންޕީން ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ކޯޓުގައި ނުހިނގާތީ އިންސާފު ލިބުމުގެ މަގު ބަންދުވެފައިވާ ކަމަށެވެ.
އެމްއެންޕީން ބުނިގޮތުގައި، އެ މައްސަލައާ ގުޅިގެން މި މަހުގެ 7 ގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ މަޖިލީހުގެ ތަޅުމުގައި ސުވާލު ކުރުމުން ވެސް އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތެއް ވިދާޅެއް ނުވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މުހިއްމުކަން ފެނިގެން ރައްޔިތުންގެ މަޖިލީހާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްތަކެއް ކުރިޔަސް އެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށް އެމްއެންޕީން ބުންޏެވެ.
އެމްއެންޕީން އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށް ވެފައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާއަކީ އެ މަނިކުފާނު އަދާކުރައްވަންޖެހޭ ޒިންމާއެއް ކަމަށް ދެކޭތީ ކަމަށް އެ މައްސަލަ ހައްލުކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް