ޖެންޑަރ މިނިސްޓްރީއަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ބުނީ 90 މިނެޓްގެ ފީޗަރ ފިލްމެއް އުފައްދައިދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފައިވާ ކަމަށެވެ.
އަދި މިއީ އެ މިނިސްޓްރީން ކުރިއަށް ގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރާ ފިލްމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައި ވެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ އެ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 10:00 ގައި ޖެންޑާ މިނިސްޓްރީގަ އެވެ.
އެ ބިޑަށް ކުރިމަތިލެވޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މިފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އުފައްދާ ފިލްމެއް ކަމަށެވެ.
އަދި މި ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި، އުފާވެރިކަމާއި، ކުރިއެރުން ދައްކުވައިދޭ ފިލްމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް