އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ދެ އަހަރަށް ޖަލަށްލާން ހުކުމް ކުރުމާއި އެކު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އޭނާ ވަކިކޮށްފި އެވެ.
ރާހުލަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވީ އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތު ކޯޓަކުންނެވެ. 2019 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ކެމްޕެއިން ތެރޭގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާގެ މައްޗަށް ސާބިތުވީ އަބުރުގެ ދައުވާ އެވެ.
އިންޑިއާގެ ގާނޫނު ބުނާގޮތުން ދެ އަހަރުގެ ޖަލު ހުކުމެއް މަޖިލީސް މެމްބަރަކަށް އަތުވެއްޖެ ނަމަ އޮޓަމެޓިކުން އެ މެމްބަރެއްގެ ގޮނޑިގެއްލޭނެ އެވެ. އެކަމަކު އެ މެމްބަރަކު މަޖިލީހުން ވަކި ކުރިކަން އިއުލާނު ކުރަނީ އިސްތިއުނާފު މަރުހަލާއިން ދައުވާ ސާބިތުވާ ކަމަށް ނިންމައިފި ނަމަ އެވެ.
ކޮންގްރެސް ޕާޓީގެ އިސް ލީޑަރަކު މީޑިއާގައި ބުނީ ރާހުލްއަށް ކުރި ހުކުމާއި އެކު ޕާޓީގެ އިސް ލީޑަރުންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ބައްދަލުވުން ކުރިޔަށް ދަނިކޮށް ހުކުމް ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ގާނޫނު ހަދާ މަޖިލީހުން އޭނާ މެމްބަރުކަމުން ވަކި ކުރިކަން އިއުލާނު ކުރުމަކީ ލިބުނު ޝޮކެއް ކަމަށް ބުނެފައިވެ އެވެ.
ކޮންގްރެސް ޕާޓީން ބުނީ ހުކުމާއި އެކު ބޮޑުވަޒީރު މޯދީގެ ކޮންޓްރޯލް އޮތް ގާނޫނު ހަދާ މަޖިލީހުގެ އެ ނިންމުމުން މޯދީގެ ސަރުކާރުގައި އެ ގައުމުގައި ޑިމޮކްރަސީ އަޑިއަށް ގޮސްފައިވާވަރު އެނގިގެންދާ ކަމަށެވެ.
މި ތުހުމަތުތަކާއި ގުޅިގެން މޯދީގެ ވެރިކަން ކުރާ ބީޖޭޕީން ވަނީ ކޯޓު މަރުހަލާގައި އެ ޕާޓީން ނުފޯޒު ފޯރުވިކަމަށް ބުނާ ވާހަކަތަކަށް އިންކާރުކޮށްފައި އެވެ.
2019 ވަނަ އަހަރުގެ ކެމްޕެއިން ތެރޭގައި ޖަލްސާއެއްގައި ރާހުލް ބުނެފައިވަނީ ގާނޫނުގެ ތެރެއިން މަޑުން ތިބެގެން އިންޑިއާގައި ލާއިންސާނީ އަމަލުތައް ހިންގަނީ ބީޖޭޕީން ކަމަށެވެ. އޭނާ ބުނީ އާއިލީ ނަމުގައި މޯދީ ހުންނަ ހުރިހާ އެންމެންނަކީ ވަގުން ކަމަށެވެ.
ރާހުލަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި އެވެ. އޭނާ 30 ދުވަހަށް ދޫކޮށްލާފައި ހުުރި އިރު ރިޕޯޓުތައް ބުނާގޮތުގައި އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ފައިސާ ދައްކައިގެން މުއްދަތު ޖެހޭނީ އިތުރު ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް