ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުރެ އެމްޑީޕީ ތެރެއިން އުފައްދައިގެން އުޅޭ ފިކުރެއްގެ ދިރުމަކީ އަސްލު ފެކްޝަނެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
މަވޯޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިކުރެއްގެ ދިރުމަކީ އެމްޑީޕީ ތެރޭގައި އުފެދިގެން އުޅޭ ފެކްޝަނެއް ކަމަށް ބަޔަކު ކިޔަނީ ކަމަށެވެ. އެކަމަކު އެއީ ޕާޓީތަކުގެ ތެރޭގައި އުފެދޭ ފެކްޝަން ތަކާއި މުޅިން ހިލާފަށް ހިންގާ ހަރަކާތެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ އަސްލު ފެކްޝަނެއް ނޫން ކަމަށާއި ފިކުރެއްގެ ދިރުމުން މަސައްކަތް ކުރަނީ އެމްޑީޕީ ބައިބައިކޮށް ރޫޅާލަން ކަމަށެވެ.
ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ ފެކްޝަނެއް ނަމަ ޕާޓީގެ ވެރިކަން ނަގާލާ ޕާޓީ ފިތުނަކޮށް ގަޑުބަޑު ކުރަން މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ކިބައިން ބަދަލު ހިފައި ޕާޓީ ރޫޅާލަން ކަމަށް މަވޯޓާ ވިދާޅުވި އެވެ.
އެއީ ޕާޓީއަށް ހެޔޮ އެދޭ މީހުން ވިސްނަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ފިކުރެއްގެ ދިރުން ނަމުގައި ވަކިން މަސައްކަތް ކުރައްވަން ފެއްޓެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުވުމުންނެވެ. އެމަނިކުފާނުގެ ޓީމުން މިހާރު މަސައްކަތް ކުރަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިގެން ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް