ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ އިތުރު އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންތަކެކެވެ.
މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި އެ ރޭ ވަނީ އަންހެނަކާއި ތިން ފިރިހެނުން ހައްޔަރުކޮށްފަ އެވެ. މި މައްސަލާގައި އިތުރު މީހެއްގެ ގޮތުގައި މުހައްމަދު އައްބާސް ކިޔާ މީހަކު ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހަވީރު އެވެ.
މީގެ ކުރިން އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އައްބާސް ވަނީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ސިފައިންނާއި ފުލުހުންގެ އެންގުމަށް ތަބާނުވެ ރައީސްގެ ކާރުކޮޅާ ދިމާލަށް ދާން މަސައްކަތް ކޮށްފައެވެ.
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.
މޮޓޯކޭޑު ހުއްޓުވި މައްސަލައާއި ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުން ޕްރެސިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު، ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑުކޮށް އެ މައްސަލަ ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް