ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެ ސިޓީން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ސޯލިހް މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހުމަދާއި ރައީސުލްޖުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްގެ އިތުރު ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވި އިރު އެ ސިޓީގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓު ސަރަހައްދަށް ޖަމާވެފައެވެ.
ރައީސް ސޯލިހް ފުވައްމުލައް ސިޓީއަށް މި ވަޑައިގެންނެވީ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި މާރޗް 25 އިން 28 ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރެއްވާނެއެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ 28 ވަނަ ދުވަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ، ގަން، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދުއަށް ވަޑައިގަންނަވާނެކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި ރައީސްގެ މިދަތުރުގައި ހިނގާނެ މުހިންމު ހަރަކާތްތަކުގެ ތެރޭގައި:
- ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުން
- ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން
- އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން
- މަރަދޫ ބަނދަރު ހުޅުވައިދެއްވުން
- މީދޫ ބަނދަރު ހުޅުވައިދެއްވުން
- ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދެއްވުން
- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވުން
ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް