ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހިތަދޫއާއި ފުވައްމުލަކުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެެއްގައި ބުނީ ފުވައްމުލަކުގައި 200 އަދި އައްޑޫ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ނަމަ، ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ކަމަށް ޝަރުތުހަމާ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުން ކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އެ ދެ ބީލަމުގައި ބައިވެރިވާން ވެސް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ފުވައްމުލަކުގައި އަޅާ 200 ހައުސިން ޔުނިޓްގެ ބީލަމުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް އިން ކުރި އިއުލާނުގައި ހާމަކުރެއެވެ. އަދި އައްޑޫ ހައުސިން ޔުނިޓް މަޝްރޫއުގެ ފައިސާ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 19 އަށް ކަމަށާއި، އެ ފައިސާ ބަލައިގަންނާނީ ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
އެ ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،020،000ރ. ކަނޑައަޅާފައިވާއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ ފުވައްމުލަކުގައި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލްވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަމަށެވެ.
އަދި އައްޑޫ މަޝްރޫޢުގެ ބިޑް ހުޅުވުން އޮތީ އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް