ބިދޭސީން މުޒާހަރާކޮށްފިނަމަ ވިސާ ބާތިލު ކުރާނަން: އިމިގްރޭޝަން

ބިދޭސީން މުޒާހަރާއެއް ކުރަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި މުޒާހަރާކޮށްފިނަމަ މުޒާހަރާގައި ބައިވެރިވާ ބިދޭސީންގެ ވިސާ ބާތިލުކުރާނެކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭ...

25 Mar 2015 | 12:33

ބިދޭސީން މުޒާހަރާއެއް ކުރަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި މުޒާހަރާކޮށްފިނަމަ މުޒާހަރާގައި ބައިވެރިވާ ބިދޭސީންގެ ވިސާ ބާތިލުކުރާނެކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބިދޭސީންނަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ފަރާތްތަކަކަށް ވެފައި އެފަދަ ފަރާތްތަކަށް ދިމާވާ ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް އިހްތިޖާޖު ކުރުމުގެ ގޮތުން މުޒާހަރާ ކުރުމަކީ ދޫކޮށްފައިވާ ހުއްދައާ ހިލާފު އަމަލެއް ކަމަށެވެ.

“ މުޒާހަރާގައި ބައިވެރިވާ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމެއް ނެތި އިމިގްރޭޝަނަށް ކޮންޓްރޯލަރަށް ލިބިގެންވާ ގާނޫނީ ބާރުގެ ތެރެއިން ފިޔަވަޅު އަޅާނެ، އަދި މުޒާހަރާތަކުގައި ބައިވެރިވުމާއި ބިދޭސީއަކާއި މެދު ފިޔަވަޅެއް އެޅިއްޖެނަމަ އެ ބިދޭސީއަކަށް ވަޒީފާ ދިން ފަރާތަށް ބިދޭސީންނާ ގުޅިގެން އިމިގްރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ކަނޑައަޅާ މުއްދަތަކަށް މެދުކަނޑާލާނެ " އިމިގްރޭޝަންގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބިދޭސީންނަށް ވަޒީފާ ދީފައިވާ ފަރާތްތަކުން އެމީހުން މުޒާހަރާގައި ބައިވެރިނުވުމަށާއި އަދި ރާއްޖޭގެ ގާނޫނާ ގަވައިދާ އެއްގޮތަށް އުޅުމަށް ހަދުމަކޮށްދިނުމަށް ދަންނަވާ ކަމަށެވެ. އަދި މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައި އިމިގްރޭޝަނުން ފަސްނުޖެހޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބައެއް ބިދޭސީން އަންނަނީ ހުކުރު ދުވަހު މުޒާހަރާ ކުރުމަށް ރާވަމުންނެވެ. އަދި މުޒާހަރާ ކުރަން ނިންމީ ބިދޭސީންނަށް ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް