ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތާނެކަމުގެ ޔަގީންކަން އިނގިރޭސި ޝަފީރަށް ރައީސް ދެއްވައިފި

މި ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން އިނގިރޭސި ސަފީރު މިސްޓަ ޖޯން ރެންކިން އަށް ދެއްވައިފި އެވެ. މި ޔަގ...

25 Mar 2015 | 08:44

މި ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން އިނގިރޭސި ސަފީރު މިސްޓަ ޖޯން ރެންކިން އަށް ދެއްވައިފި އެވެ.

މި ޔަގީންކަން ރައީސްގެ ފަރާތުން އިނގިރޭސި ޝަފީރަށް އެރުއްވީ އިނގިރޭސި ޝަފީރު ރައީސްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތެއްގައި ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ‏‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

‏މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ‏‏އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ‏‏ރާއްޖެއާއި އިނގިރޭސިވިލާތާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، މިސްޓަރ ‏‏ޖޯން ރެންކިން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު ‏‏އަދާކުރެއްވިއެވެ.

‏އިނގިރޭސިވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި، އެޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި ‏‏‏ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު ‏‏‏އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިނގިރޭސިވިލާތާ ދެ ‏‏ޤައުމާ ގުޅުން ހުރި މައްސަލަތަކުގައި، އިނގިރޭސިވިލާތުގެ ސަރުކާރުން އަބަދުވެސް ‏‏ރާއްޖެއާ އެކުގައި ‏‏މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ‏‏ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ‏‏ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް