މިދިޔަ އާދީއްތަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ވަޅިން ހަމަލާދިނުމުން ނިޔާ ވެފައިވާ ބަންގްލަދޭޝް (ވެރިޓަރު) ނިޔާވުމާ ގުޅިގެން ރައީސް ޔާމީން ބަންގްލަދޭޝްގެ ސަފީރަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ތައުޒިޔާ ވިދާޅުވީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކާޒީ ސަރުވަރު ހުސެއިން، އެމަނިކުފާނުގެ ފަތްކޮޅު ރައީސް ޔާމީނަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގަ އެވެ.
މިކަމާމެދު ބަންގަލަދޭޝްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، މިހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން އެހާދިސާއާ ބެހޭ މަޢުލޫމާތު ވަރަށް ފުޅާ ދާއިރާއެއްގައި އެމަނިކުފާނާ ހިއްސާ ކުރެއްވި ކަމުގައި ވިދާޅުވި ކަމަށާއި އަދި، ދިވެހި ސަރުކާރާއި ފުލުހުންގެ ފަރާތުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް ލިބެމުންދާ އެހީތެރިކަމަށްޓަކައި ބަންގްލަދޭޝްގެ ސަފީރު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.
އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމަކީ ސާކްގެ މެންބަރުންކަން ފާހަގަ ކުރައްވައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުން އިތުރަށް ބަދަހިކުރައްވައި ކުރިއެރުވުމަށް، އެމަނިކުފާނުގެ ދައުރުގައި މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ބަންގްލަދޭޝްގެ ސަފީރު ދެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ އާ ސަފީރުގެ ދައުރުގައި، މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި ކަމަށާއި އަދި، ދާދި ފަހުން މާލެއަށް ކުރިމަތިވި ފެނުގެ ހާދިސާއާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ކުރައްވާ ތާއީދަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދޭތެރޭ އެކި ދާއިރާތަކުން ޤާއިމްކުރެވިފައިވާ ގުޅުންތައް އިތުރަށް ފުޅާ ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ސަފީރު މަޝްވަރާ ކުރެއްވި ކަމަށާއި މިގޮތުން، އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދައިރާއިން ދެޤައުމުގެ ދޭތެރޭގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް