ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރަން ނިންމައިފި

ޖުމްހޫރީ ޕާޓީން ކުރިޔަށް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފި އެވެ. މިގޮތަށް ނިންމީ ޖުމްހޫރީ ޕާޓީން އިސްވެ ކޯލިޝަނެއް އުފައްދަން ނުވަތަ އެ ޕާޓީގެ ކެންޑިޑޭޓަކު ނެރެން ގޮވާލާ ކޮންގްރެސްއަށ...

25 Feb 2023 | 18:53

ޖުމްހޫރީ ޕާޓީން ކުރިޔަށް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފި އެވެ.

މިގޮތަށް ނިންމީ ޖުމްހޫރީ ޕާޓީން އިސްވެ ކޯލިޝަނެއް އުފައްދަން ނުވަތަ އެ ޕާޓީގެ ކެންޑިޑޭޓަކު ނެރެން ގޮވާލާ ކޮންގްރެސްއަށް ހުށަހެޅި ގަރާރު ފާސްވެގެންނެވެ. މި ގަރާރު ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.

މިރޭ ކޮންގްރެސްގައި ގަރާރު އިއްތިފާގުން ފާސްވިޔަސް އެކަމުގައި ގޮތް ނިންމާނީ ކައުންސިލަށް ހުށަހަޅައިގެން އެ ކައުންސިލުންނެވެ.

މި ގަރާރާއި ގުޅިގެން ކޮންގްރެސްގައި ބަހުސަށް ހުޅުވާލުމުން ގަރާރާއި ދެކޮޅަށް ވާހަކަދެއްކެވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެކަންޏެވެ. އޭނާ ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ކޯލިޝަންގައި ކުރިޔަށްދާށެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭ ނިޒާމެއް ގާއިމް ކުރި ފަހުން މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއް އެހެނިހެން ސިޔާސީ ޕާޓީތަކަށް ކާމިޔާބު ކުރެވެނީ ޖޭޕީގެ ތާއީދާ އެކުގައި ކަމަށާއި އެންމެ ފަހުން ޖޭޕީން ވާދަކުރި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ދެވަނަ ބުރަކަށް ނުދެވުނީ ކުޑަ ފަރަގަކުން ކަމަށެވެ.

ޖޭޕީ އަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހަކަތަ އާއި ތާއީދު އޮތް ޕާޓީއެއް ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ޖޭޕީގެ ވެރިކަމެއް ގާއިމު ކުރަން ލިބެން އޮތް އެންމެ ފަހި ފުރުސަތު ކަމަށް ވެސް އެ ގަރާރުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް