އާރުއެސްއެލް : ރޮނާލްޑޯގެ ހެޓްރިކާއި އެކު މޮޅުވެ، އެއްވަނާގައި ދެ ޕޮއިންޓުގެ ލީޑެއް އަލް ނަޞްރުން ނަގައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ދަމަކް އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި ދެ ޕޮއިންޓުގެ ލީޑެއް އަލް ނަޞްރުން ނަގައިފިއެވެ. ރަށުން ބޭރުގައި މިރޭ ކުޅުނު މި މެޗު އަލް ނަ...

25 Feb 2023 | 18:01

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ދަމަކް އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި ދެ ޕޮއިންޓުގެ ލީޑެއް އަލް ނަޞްރުން ނަގައިފިއެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު މި މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ ދަމަކްއާއި ވާދަކޮށް 0-3 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އަލް ނަޞްރުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މި ތިން ލަނޑުވެސް އަލް ނަޞްރަށް ޖަހައިދިނީ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅުނީ އަލް ނަޞްރުންނެވެ. އެގޮތުން އަލް ނަޞްރުން މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ދަމަކް ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްތީއެކެވެ.

މި ޕެނަލްޓީ ލަނޑަށް ފަހުވެސް މޮޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އަލް ނަޞްރުންނެވެ. އެޓީމުން މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 23 ވަނަ މިނެޓުގައިއެވެ. މި ލަނޑު ވެސް އަލް ނަޞްރަށް ޖަހައިދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން ރޮނާލްޑޯއެވެ.

މި މެޗުގައި ރޮނާލްޑޯ އޭނާގެ ތިންވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 44 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ޔަހްޔާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވި ފަހުން ފުރިހަމަ ކުރި ދެވަނަ ހެޓްރިކެވެ. އަދިި މި މެޗުގައި ކާމިޔާބު ކުރި ތިން ލަނޑާއި އެކު ރޮނާލްޑޯ އަލް ނަޞްރަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ އަށަކަށް އަރާފައެވެ.

މި މޮޅާއި އެކު އަލް ނަޞްރު މިވަގުތު އޮތީ ކުޅުނު 18 މެޗުން ލިބުނު 43 ޕޮއިންޓާއި އެކު ތާވަލްގެ އެއްވަނާގައެވެ. ދެވަނަގާގައި އޮތީ ހަމަ މި އަދަދަށް މެޗު ކުޅެގެން ލިބުނު 41 ޕޮއިންޓާއި އެކު އަލް އިއްތިހާދެވެ. ތިންވަނާގައި އޮތީ 40 ޕޮއިންޓާއި އެކު އަލް ޝަބާބްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް