މިފަހުގެ މާރާމާރީތައް ގުުޅެނީ ހަތަރު ގޭންގަކާއި، 16 މީހަކު ހަައްޔަރުކޮށްފިން: ސީޕީ

މާލެ ސަރަހައްދުގައި މި ފަހުން ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައިވަނީ ހަތަރު ގޭންގަކާ ކަމަށާއި މި މައްސަލަތަކުގައި 16 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ކޮމ...

25 Feb 2023 | 14:27

މާލެ ސަރަހައްދުގައި މި ފަހުން ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައިވަނީ ހަތަރު ގޭންގަކާ ކަމަށާއި މި މައްސަލަތަކުގައި 16 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް މީޑީއާތަކަށް މަޢުލޫމާތު ދެމުން ސީޕީ ވިދާޅުވީ މާލެ ސަރަހައްދުގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކަކީ ކުޑަހެންވޭރާއި އެންސީ ކިޔާ ދެ ގޭންގަކުން ހިންގާ މާރާމާރީތަކެއް ކަމަށެވެ.

އެގޮތުން މާރާމާރީތައް ހިންގަމުންދަނީ މިދިޔަ އަހަރު ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ސީޕީ ވިދާޅުވިއެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ހުންނަ ޖޫސްޓައިމް ކެފޭއަށް ގެއްލުން ދިން މައްސަލައަކީ މަސްއޮޑިއާއި ވައިކަންމަތި ނަމަކަށް ކިޔާ ދެ ގޭންގެއްގެ ދެމެދުގައި ޖެހިފައިވާ މައްސަލައަކާއި ގުޅިފައިވާ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

މިކަމަށް އިޝާރަތްކުރައްވާ ސީޕީ ހަމީދު ވިދާޅުވީ، ހުޅުމާލޭގެ ކެފޭއަށް ގެއްލުން ދިން ހާދިސާ އަދި މާލޭގައި ހިންގި މާރާމާރީ އާއި ގުޅޭ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

މިގޮތުން ސީޕީ ވިދާޅުވީ ކެފޭއަށް ގެއްލުންދިން ހާދިސާއާއި ގުޅުންހުރި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، ގެއްލުން ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މާރާމާރީތަކުގައި ހަރަކާތްތެރިވާ މީހުން ކުށް ކުރަނީ ހެލްމެޓް އަޅައިގެން ތިބެ އަދި ސައިކަލުތަކުގެ ނަންބަރު ޕްލޭޓްތައް ވެސް ބަދަލުކޮށްގެން ކަމަށާއި މާރާމާރީ ހިންގުމަށްފަހު އެ މީހުން ފިލަން ވަންނަ ހަތަރު ތަނެއް ބަލައި ހަތިޔާރު ހޯދައި އަތުލައިގެންފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ރައްޔިތުންގެ އެއްބާރުލުން ލިބިގެން ނޫނީ ނުރައްކާތެރި މާރާމާރީ އާއި ހަމަލަދޭ މި މީހުންނާ މެދު ފިޔަވަޅުތައް އަޅަން ދަތިވާނެ ކަމަށާއި ގޭންގްތަކަށް ނިސްބަތްވާ މީހުންގެ މައިންބަފައިންނާއި، ބޭބެ، ދައްތަ އަދި އަނބިން މި މީހުންނަށް ނަސޭހަތްތެރިވާންޖެހޭ ކަމަށް ސީޕީ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް