ފަލަކީ ހިސާބުން ބަލާނަމަ ދުނިޔޭގެ ދެ ސަރަހައްދަކަށް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރިޗް މަހުގެ 23 ކަމުގައި ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް، އަލްއުސްތާޛް މަޢުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ "މިހިނގާ ޝައުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށެވެ." މި ސުރުހީގައި ނެރުއްވި ލިޔުމެއްގައެވެ.
އެ ލިޔުމުގައި ބުނެފައިވަނީ ހިނގަމުން މިދާ ޝައުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށް ކަމަށެވެ. ކަމާބެހޭ ހިސާބު އިލްމުވެރިން ކަށަވަރު ކޮށްދޭ ގޮތުގައި، މި ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭ ކަމަށެވެ. އަދި ހަމައެކަނި ރާއްޖެއަކަށް ނޫން ކަމަށާއި ގާތްގަނޑަކަށް ދުނިޔޭގެ ހަމަ ހުރިހާ ހިސާބަކަށް ކަމަށެވެ.
ރައީސް މަޢުމޫން ވިދާޅުވެފައިވަނީ ހުރިހާ އިސްލާމީ ޤައުމަކަށާއި، އަޅުގަނޑުމެންގެ ވަށައިގެންވާ އޭޝިޔާ އަދި އެފްރިކާގެ ހުރިހާ ޤައުމަކަށްވެސް އެދުވަހުގެ އިރު ނޯއްސި ހުއްޓާ ހަނދު އޮއްސޭ ކަމަށެވެ.
"މިސާލަކަށް ރާއްޖެއަށް އެދުވަހުގެ އިރުއޮއްސުމުގެ ނުވަ މިނެޓު ކުރިން، ސަޢޫދީ އަރަބިއްޔާގެ މައްސަކާއަށް ވެސް ނުވަ މިނެޓު ކުރިން، މިސުރަށް 10 މިނެޓު ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް 11 މިނެޓު ކުރިން، ތުރުކީގެ އިސްތަންބޫލަށް 14 މިނެޓު ކުރިން، މޮރޮކޯގެ ރަބާޠަށް ހަތަރު މިނެޓު ކުރިން، ހަނދު އޮއްސެއެވެ." ރައީސް މަޢުމޫން ވިދާޅުވެފައިވެއެވެ.
ވިދާޅުވެފައިވަނީ އެދުވަހު އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސެނީ ހަމައެކަނި ދެކުނު އެފްރިކާގެ ކޭޕް ޓައުން ސަރަޙައްދަށާއި، އާޖެންޓީނާގެ ބުއެނޮސް އެއާރޒްގެ ސަރަހައްދަށްކަން އެމަނިކުފާނު ބެލި ބެލުމުން އެނގިފައިވާކަމަށެވެ.
"އެހެންކަމުން، ވިދިގެން އަންނަ މާރިޗް މަހުގެ 22 ވާ ބުދަ ދުވަހަކީ، ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމުގައި ވާނީ ހަމަ އެކަނި އެ ދެ ސަރަހައްދަށެވެ. އެހެން ހުރިހާ ސަރަހައްދަކަށް އެދުވަސް ވާނީ ޝަޢުބާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި ރަމަޟާން މަހުގެ އެކެއް ވާނީ މާރިޗް މަހުގެ 23 ވާ ބުރާސްފަތި ދުވަހަށެވެ." ރައީސް މަޢުމޫން ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މިއީ ފަލަކީ ހިސާބުން ދައްކާ ގޮތް ކަމުގައި ކަމާބެހޭ މާހިރުން ބުނާގޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް