ތުނބުޅި ބެހެއްޓޭނެ ގޮތް ހެދުމަށްއެދި ރިސޯޓް މުވައްޒަފުން ޕެޓިޝަނެއް

ރިޒޯޓުތަކުގެ މުވައްޒަފުން ތުނބުޅި ބާލަން މަޖުބޫރުކޮށް ހަދާފައިވާ ރިޒޯޓު ޕޮލިސީ ބަދަލުކުރުމަށް އެދި ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީ އަށް...

25 Feb 2023 | 13:08

ރިޒޯޓުތަކުގެ މުވައްޒަފުން ތުނބުޅި ބާލަން މަޖުބޫރުކޮށް ހަދާފައިވާ ރިޒޯޓު ޕޮލިސީ ބަދަލުކުރުމަށް އެދި ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޓީމުގެ ފޭސްބުކް ޕޭޖު ގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ރިޒޯޓު ތަކުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް ތުނބުޅި ބަހައްޓައިގެން މަސައްކަތް ކުރެވޭނެގޮތް ހަދައިދިނުމަށް އެދި އިކޮނޮމިކް ޑިވޮލޮޕްމެންޓް އެންޑް ލޭބާ މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ޕެޓިޝަން ހުށަހަޅާފައިވާ ކަމަށެވެ.

އަދި ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތުނބުޅި ބަހައްޓަން ބޭނުންވާ ފަރާތްތަކަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދޭނެ ކަމުގެ އުންމީދު ކުރާ ކަމަށް ޓީމުން ބުނެފައި ވެއެވެ.

ޓީމުން ބުނީ މި ޕެޓިޝަން ހުށަހެޅުމުގައި ބައިވެރިވި ރިޒޯޓުތަކުގެ އިތުރުން އިތުރު ރިޒޯޓުތަކުންވެސް ތުނބުޅި ބެހެއްޓުމުގެ އަސާސީ ހައްޤު ރިޒޯޓު މުވައްޒަފުންނަށް ލިބުމާއި ހަމައަށް މި ކެމްޕެއިނަށް އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ އިތުރުން ޓީމުން ބުނީ ތުނބުޅި ބެހެއްޓުމުގެ އަސާސީ ހައްޤު ލިބުމާއި ހަމައަށް އެ ހައްޤު ހޯދުމަށް އެދި މަސައްކަތް ކުރާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ލަގްޒަރީ ރިޒޯޓުތަކުގައި ވެސް ތުނބުޅި ބެހެއްޓުމުގެ ހުއްދަ އޮވެއެވެ.

ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު ގަޑީގެ އެލަވަންސް ނުދީ މަސައްކަތް ކުރުވާ 49 ރިޒޯޓަކަށް ފިޔަވަޅު އަޅައިދޭން ވެސް ޓުއަރިޒަމް މިނިސްޓްރީގައި އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް