ރާކީ އިސްލާމްވެ ރޯދަ ހިފަން ތައްޔާރުވަނީ!

ބޮލީވުޑްގެ އައިޓަމް ގާލް ރާކީ ސާވަންތު އިސްލާމްވެ ކުރިޔަށް އޮތް ރަމަޟާން މަހު ރޯދަ ހިފަން ތައްޔާރު ވަމުންދާކަން ހާމަކޮށްފި އެވެ. ރާކީ އިސްލާމްވިކަން ހާމަ ކުރީ އޭނާގެ ފިރިމީހާ އާދިލް ހާން އާއި ކައިވެނި...

25 Feb 2023 | 10:30

ބޮލީވުޑްގެ އައިޓަމް ގާލް ރާކީ ސާވަންތު އިސްލާމްވެ ކުރިޔަށް އޮތް ރަމަޟާން މަހު ރޯދަ ހިފަން ތައްޔާރު ވަމުންދާކަން ހާމަކޮށްފި އެވެ.

ރާކީ އިސްލާމްވިކަން ހާމަ ކުރީ އޭނާގެ ފިރިމީހާ އާދިލް ހާން އާއި ކައިވެނިކޮށްގެން އުޅޭކަން ހާމަ ކުރުމަށް ފަހު އެވެ. މިދިޔަ އަހަރު އެ ކައިވެނި ކުރީ އިސްލާމް ވުމަށް ފަހުކަމަށް ބުނި އިރު ދެމީހުންގެ ކައިވެނި ހާމަ ކުރީ މިއަހަރު ޖެނުއަރީ މަހު އެވެ.

ރާކީ މިދިޔަ ހަފްތާތެރޭގައި މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދީ ބުރުގާ އަޅައިގެން އާންމުންގެ ތެރެއަށް ނުކުމެގެންނާއި އިސްލާމްދީނަށް އުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދެއްކި ވާހަކައިންނެވެ. ރާކީ ބުނީ އޭނާ ޒުވާނުންނަށް ގޮވާލަން ބޭނުންވަނީ ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ރޯދަވެސް ގަވައިދުން ހިފަން ޖެހޭނެ ކަމަށެވެ.

އަދި އޭނާ ވަނީ އިސްލާމްވި ފަހުން އަންނަ ފުރަތަމަ ރޯދަ މަހު ރޯދަ ހިފަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ބުނެފައި އެވެ. މީގެ އިތުރުން އުމްރާއެއް ވުމަށްވެސް އޭނާ ޕަޕަރާޒީންގެ ކުރިމަތީގައި ވައުދުވެފައިވެ އެވެ. ރާކީ ބުނީ އުމްރާއަށް އޭނާ ގެންގޮސްދޭނެ ވަރަށް ގިނަ ފިރިހެނުން އެބަތިބި ކަމަށާއި އެކަމަކު އެދުމަކީ ފިރިމީހާ އާދިލްއާއި އެކު ދިއުން ކަމަށެވެ.

އާދިލް އާއި ރާކީގެ ވާހަކައަކީ މިހާރު އިންޑިއާ މީޑިއާގައި ވަރަށް ހޫނު ވާހަކަތަކެކެވެ. ކައިވެނި ކުރިކަން ހާމަ ކުރި ހިސާބުން އާދިލް ވަނީ އެއީ ދޮގެއްކަމަށް ބުނެފައި އެވެ. އާދިލްގެ ދޮގު ސާބިތު ކޮށްދޭން ރާކީ ވަނީ ކައިވެނި ކުރި ދުވަހު ނެގި ފޮޓޯ މީޑިއާގައި ހާމަކޮށްފައި އެވެ.

އޭގެ ފަހުން އާދިލް ބުނެފައިވަނީ އޭނާ ކައިވެނި ސިއްރު ކުރަން ބޭނުންވީ ރާކީ މުސްލިމަކަށް ނުވާތީ ކަމަށާއި އަދި ރާކީ އާއި އިނދެގެން އުޅޭކަން ހާމަވެއްޖެ ނަމަ އަންހެން ކޮއްކޮއަށް އިންނާނެ މީހަކު ނުވާނެތީ ކަމަށެވެ.

އޭގެ ފަހުން ރާކީ ވަނީ ޕަޕަރާޒީންގެ ކުރިމަތީ ބިންމައްޗަށް ވެއްޓިގަނެގެން ރޮމުން، އާދިލް އޭނާއަށް ބޭވަފާތެރިވީކަމަށް ބުނެފައި އެވެ. އަދި އާދިލްގެ މައިންމަފައިންނަށް އޭނާ ދައްކާނެ ކަމަށް ބުނުމުން އިސްލާމްވި ކަމަށްވެސް ބުންޏެވެ. މިފަހުން ރާކީ ވަނީ އާދިލް އާއިލާ އާއި ބައްދަލުވެފައިވާކަންވެސް ހާމަކޮށްފައި އެވެ.

ރާކީގެ ޑްރާމާގެ ތެރެއިން އޭނާގެ ގަހަނާތަކާއި ފައިސާތައް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އާދިލް ހައްޔަރު ކުރުވި އެވެ. އާދިލް ފުލުހުންގެ ބަންދުން ދޫކޮށްލި ކަމެއް އަދިވެސް ނޭނގެ އެވެ.

މުސްލިމުންގެ ރުކުންތައް އަދާ ކުރުމަށް ރާކީ ނަސޭހަތްތެރިވެ، ރޯދަ ހިފަން ތައްޔާރު ކަމަށް ބުނި އިރު އޭނާ މުސްލިމްވި ކަމަށް ބުނާ ތާރީހުގެ ފަހުން އަދި މިއަހަރު ތެރޭގައިވެސް ހިންދޫންގެ ފައްޅިތަކަށް ކޮށް އަޅުކަން ކުރާ ވީޑިއޯ އާއި ފޮޓޯ އާންމުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް