ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

ކުނި މެނޭޖު ކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައި މީރާ އިން އެކުލަވާލައިފައިވާ "ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަ...

25 Feb 2023 | 10:16

ކުނި މެނޭޖު ކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައި މީރާ އިން އެކުލަވާލައިފައިވާ "ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން" ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު ގެޒެޓު ކޮށްފިއެވެ.

މީރާ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުުނު ބަޔާނުގައި ބުނީ 18 ޑިސެމްބަރ 2022 ގައި ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ކުނި މެނޭޖް ކުރުމުގެ ޤާނޫނުގައި ވާގޮތުން، 18 އޭޕްރިލް 2023 އިން ފެށިގެން، ވިޔަފާރިތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހޭނެ ކަމަށެވެ.

އެގޮތުން މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މޯލްޑިވްސް އިންލަޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުން މި ގާނޫނުން ވަނީ ލާޒިމުކޮށްފައި ކަމަށް މީރާ އިން ބުނެފައި ވެއެވެ.

މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އެ ޤާނޫނުގެ ދަށުން ފީ ނެގުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވާލަންޖެހޭ ގަވާއިދު، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭ މީރާ އިން އެކުލަވާލަންވާނެ ކަމަށް ކަނޑައަޅާފައި ވެއެވެ.

އަދި، 22 ފެބްރުވަރީ 2023 ގައި މީރާ އިން ގެޒެޓްކުރި ގަވާއިދަކީ މިގޮތުން ގެޒެޓުކުރި ގަވާއިދު ކަމުގައި މީރާއިން މައުލޫމާތު ދެއެވެ. މީރާއިން ބުނީ މި ގަވާއިދުގައި، ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބު ކުރާނެ ގޮތާއި، ޓެކްސް ބަޔާނުގައި ފީގެ މައުލޫމާތު ހިމަނާނެ ގޮތް، އަދި، ފައިސާ ދައްކާނެ ގޮތް ހިމަނައިފައި ވާނެ ކަމަށެވެ.

މީރާއިން ބުނީ ވިޔަފާރިތަކުން، 18 އެޕްރީލް 2023 އިން ފެށިގެން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގަން ވާނެ ކަމަށާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، އެ ފަރާތަކުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާނުގައި އެ ފަރާތުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅާ މުއްދަތައް ނިސްބަތްވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ މަޢުލޫމާތު ހިމަނައި، ޖީ.އެސް.ޓީ ދެއްކުމުގެ ސުންގަޑީގެ ނިލަޔަށް ޕްލާސްޓިކް ކޮތަޅުގެ ފީވެސް މީރާއަށް ދައްކަން ވާނެކަމަށެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށާއި ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާ ވެގެންވާ ކަމަށް މީރާ އިން ހާމަކުރެއެވެ.

މި ގޮތުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ކުނި މެނޭޖު ކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި  އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނަރ އިން މި ފީ ނެގުން އިސްތިސްނާ ވާނެ ކަމަށް މީރާ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން، ޖީއެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ހިންގާ ވިޔަފާރިތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކަސްޓަމަރުގެ އަތުން ނަގާފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދަކީ ޤާނޫނާއި ގަވާއިދާ އެއްގަތަށް ހިސާބުކޮށްފައިވާ އަދަދެއްކަން ކަށަވަރު ކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހައްޓަން ވާނެ ކަމަށާއި ބަލަހައްޓަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ގަވާއިދުގައި ހިމަނާފައި ވާނެ ކަމަށް މީރާ އިން ބުނެފައި ވެއެވެ.

އަދި މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތް ތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ހުށަނާޅާނަމަ ނުވަތަ މި ފީ މީރާއަށް ނުދައްކާނަމަ އަޅާނެ ފިޔަވަޅުތައް "ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" ގައި ހިމަނައިފައި ވާނެކަމަށް މީރާ އިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް