ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމް "ފަންނުވެރިޔާ" ގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ޔޫތް ޕްރޮގްރާމް އެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 70 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމް "ފަންނުވެރިޔާ" ގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕަކީ އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވޯކްޝޮޕެކެވެ.
އަދި މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ވޯކްޝޮޕް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މާރޗް މަހު ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މި ވޯކްޝޮޕާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިކަމަކީ ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމި ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މި ވޯކްޝޮޕްގެ ބޭނުމަކީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުން ޝާމިލްވާގޮތަށް އާރޓް އެންޑް ކްރާފްޓްގެ ފަންނުގެ ދާއިރާއިން ހިލޭ މިކަހަލަ ކޯހެއް ހިންގާ ގިނަ ޒުވާނުންތަކެއް ތަމްރީން ކުރުން ކަމުގައި މޭޔަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި މި ވޯކްޝޮޕާއި ގުޅިގެން މޭޔަރު ކުރެއްވި ޓްވީޓެއްގައި ވަނީ ކައުންސިލްގެ އެކްޝަންޕްލޭންގައި ހިމެނޭ ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމަށް ހިލޭ ހިންގޭ "ފަންނުވެރިޔާ" ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ބައިވެރިވެލެއްވުމަށް ދަޢުވަތު ދެއްވާފައެވެ.
ޒުވާނުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުން ކައުންސިލުން ކޮށްފައިވާ އިޢުލާނާއެކު އެއް ކަރުދާސް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރައްވައި 2023 މާރޗު 08 ވާ ބުދަދުވަހު 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް