ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ ހަނގުރާމައަށް ތެޔޮއެޅުންފަދަ ކަމެއް – ޗައިނާ

އދ.ގައި ހުންނަވާ ޗައިނާގެ ޑެޕިއުޓީ ސަފީރު ޑައި ބިންގް ބުރާސްފަތި ދުވަހު ވިދާޅުވީ ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ ހަނގުރާމައަށް ތެޔޮ އެޅުންފަދަ ކަމެއް ކަމަށާއި ސުލްހަ ގެނައުމުގެ ބަދަލުގައި ޓެންޝަން އިތު...

25 Feb 2023 | 07:07

އދ.ގައި ހުންނަވާ ޗައިނާގެ ޑެޕިއުޓީ ސަފީރު ޑައި ބިންގް ބުރާސްފަތި ދުވަހު ވިދާޅުވީ ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ ހަނގުރާމައަށް ތެޔޮ އެޅުންފަދަ ކަމެއް ކަމަށާއި ސުލްހަ ގެނައުމުގެ ބަދަލުގައި ޓެންޝަން އިތުރުވާނެ ކަމަށެވެ.

އދ.ގައި ޔޫކްރޭނާ ބެހޭ ގޮތުން ބޭއްވި އެގާރަ ވަނަ ކުއްލި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޑެޕިއުޓީ ސަފީރު ހުޅަނގު ގައުމުތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ ސުލްހައިގެ ވާހަކަތައް ފަހިކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ މި ކޮންފްލިކްޓް ދިގުދެމިގެންދިއުމަކީ އާންމު ރައްޔިތުންނަށް އިތުރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ޑިޕްލޮމެސީ އާއި މުއާމަލާތްތައް ދޫކޮށްނުލުމަށާއި، ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ޑައި ވަނީ ބައިނަލްއަގްވާމީ މުޖުތަމައުއަށް އިތުރަށް އިލްތިމާސްކުރިއެވެ.

ޗައިނާގެ ޑެޕިއުޓީ ސަފީރު މިހެން ވިދާޅުވެފައި ވަނީ މޮސްކޯގައި ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވަންގް ޔީއާ ޕޫޓިން ބައްދަލުކުރެއްވުމަށް ފަހު އެވެ.

ޕޫޓިން ވަނީ ނިއު ސްޓާޓް -- އެމެރިކާއާއެކު ބާކީ އޮތް ހަމައެކަނި ބޮޑު ނިއުކްލިއާ ހަތިޔާރު ކޮންޓްރޯލް މުއާހަދާގައި ބައިވެރިވުން ހުއްޓާލައްވާ ކަމަށް ވިދާޅުވެ، ޔޫކްރޭންގެ މައްސަލައިގެ ޒިންމާ ހުޅަނގުގެ ބޮލުގައި އަޅުވަން މަސައްކަތް ކުރައްވާފަ އެވެ.

ރަޝިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ބުނާ ގޮތުގައި ޕާލަމެންޓްގެ މަތީ ގެ ކަމަށްވާ ރަޝިޔާގެ ފެޑެރޭޝަން ކައުންސިލުން ވަނީ ނިއު ސްޓްރެޓެޖިކް ހަތިޔާރު ކުޑަކުރުމުގެ މުއާހަދާ (ނިއު ސްޓާޓް) ސަސްޕެންޑްކުރުމާ ބެހޭ ބިލެއް އިއްތިފާގުން ފާސްކޮށްފަ އެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެ ބިލް ހުށަހެޅުއްވުމަށް ފަހު ބުދަ ދުވަހުގެ ވަގުތެއްގައި ޕާލަމެންޓްގެ ދަށު ގެ، ސްޓޭޓް ޑޫމާއަށް އެ ބިލް ފާސްކޮށްފައިވެ އެވެ.

އދގައި ޗައިނާގެ ޑެޕިއުޓީ ސަފީރު ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ޗައިނާއިން ދެއްކި ވާހަކަތައް ތަކުރާރު ކުރައްވަމުން ޑައި ވިދާޅުވީ ކިއެވް އާއި މޮސްކޯއާ ދެމެދު ފުރަތަމަ މަޝްވަރާތައް ހުއްޓިފައިވާތީ ޗައިނާ ހިތާމަކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް