އިސްލާމް ދީނަށްޓަކައި ޕާކިސްތާންގެ މަޝްހޫރު ޑްރާމާ އެކްޓްރެސް ފިލްމީ ދާއިރާ ދޫކޮށްލައިފި އެވެ.
އުމުރުން 31 އަހަރުގެ އަނުމް ފައްޔާޒް އަކީ ޕާކިސްތާނުގެ ފިލްމް އިންޑަސްޓްރީގައި ވަރަށް މަޤްބޫލު އެކްޓަރެކެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ލޯބީގެ ޑްރާމާތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ފިމްމުތަކުގައި ވެސް ހަރަކާތްތެރިވެފައެވެ. އަނުމް ވަނީ ޕާކިސްތާނުގެ 37 ޑްރާމާ ސިލްސިލާއެއްގެ އިތުރުން ހަތް ފިލްމެއްގައި ހަރަކާތްތެރިވެފައެވެ.
ފިލްމީ ދާއިރާ އާއި ދުރަށް ދިއުމަށް ފަހު އިންސްޓަގްރާމުގައި ކުރި މެސެޖެއްގައި އަނުމް ބުނެފައިވަނީ ފިލްމީ ދާއިރާއާއި ދުރަށް ދާން ނިންމި ނިންމުމަކީ އޭނާގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށާއި ނަމަވެސް އިސްލާމް ދީނަށް ޓަކައި މި އުނދަގޫ ނިންމުން ނިންމަން ޖެހުނީ ކަމަށެވެ.
މި މެސެޖުގައި އަނުމް އިތުރަށް ބުނެފައިވަނީ ފިލްމު އިންޑަސްޓްރީއާއި ދުރަށް ދިއުމަށް ފަހު އޭނާ މިހަރު ބޭނުންވަނީ އިސްލާމީ ދިރިއުޅުމަކަށް ގޮސް އެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ތަބާވެ ރަނަގޅު ދިރިއުޅުމެއް އުޅުމަށް ކަމަށާއި ދެން ކުރިޔަށް ދާނީ އިސްލާމް ދީނުގައި އަންގަވާފައިވާ އެންގުންތަކާއި އެއްގޮތަށް ކަމަށެވެ.
އަދި މި މެސެޖު ނިންމާލަމުން އަނުމް އޭނާގެ އިންސްޓަގްރާމުގެ ފޮލޯވަރުންނަށް ބުނެފައިވަނީ އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ދެމިހުރުމަށް އެންމެންގެ ހެޔޮ ދުއާ ބޭނުންވާ ކަމަށާއި އަދި އޭނާއަށް މިކަމަށް ހިތްވަރުދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
2011 ވަނަ އަހަރު ފިލްމު އިންޑަސްޓްރީއާއި ގުޅުނު އަނުމް އެ ދާއިރާ އާއި ދުރަށް ދިއަކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކުރިއިރު، އޭނާ ކުޅެފައިވާ ބައެއް ޑްރާ ސީރީސްތަކާއި ފިލްމުތައް އަދިވެސް ރިލީޒް ނުވެ އެބަހުއްޓެވެ. ނަމަވެސް އަނުމް ވަނީ އޭނާގެ ޑްރާމާ ތަކާއި ފިލްމުތައް ނުދެއްކުމަށް ޕާކިސްތާނުގެ ފިލްމު އިންޑަސްޓްރީގެ ކިބައިން އެދިފައެވެ.
އަނުމްގެ އިތުރުން އިސްލާމް ދީނަށްޓަކައި ފިލްމު އިންޑަސްޓްރީ ދޫކޮށްލި ބައެއް މަޝްޙޫރު ފަރާތްތަކުގެ ތެރޭގައި ޒާނިޝް ޚާން އާއި ސަނާ ޚާން އަދި ޒައިރާ ވަސީމު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް