ބުޅަލެއް ދަންޖައްސައި މަރައި، ކަރުގައި ވާގަނޑެއް ޖަހައިގެން ދަމާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެ މީހުން ރުޅިގަދަވެއްޖެއެވެ.
ބުޅަލުގެ ވީޑިއޯ އާންމުވުމާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ މިކަން ކުރި މީހުންނަށް އަދަބު ދޭންޖެހޭނެ ކަމަށް ބުނެ އެ އަމަލު ކުށްވެރިކޮށްފައެވެ.
ބުޅަލުގެ ދެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެއް ވީޑިއޯގައި ފެންނަނީ ބުޅަލުގެ ކަރުގައި ވާ ޖަހައި ސައިކަލުގައި އައްސައިގެން ބުޅާ ބިންމަތީގައި ދަމަނިކޮށެވެ. މި ވީޑިއޯއިން ފެންނަ އަނިޔާވެރި މަންޒަރުގެ ސަބަބުން ޓްވިޓާއިން ވަނީ އެ ވީޑިއޯ ރިމޫވް ކޮށްފައެވެ.
އަނެއް ވީޑިއޯއިން ފެންނަނީ ބުޅަލުގެ ކަރުގައި ވާ ޖަހައި އެލުވައިގެން ސައިކަލެއްގައި އިން މީހެކެވެ. ބުޅަލުގެ ކަރުގައި ވާޖަހާފައި ވާއިރު އެ ބުޅަލުގައި އެއްވެސް ހަރަކާތެއް ނެތެވެ. އަދި ސައިކަލުގައި އިން މީހާ ކޮންމެވެސް ވާހަކަތަކެއް ދައްކައެވެ. ނަމަވެސް އޭނާ ދައްކާ ވާހަކަ ސާފެއް ނުވެއެވެ.
މިއީ ރާއްޖޭގައި ހިނގާފައިވާ ދެ ހާދިސާކަމަށް ވާއިރު މިއީ ކޮން އިރަކު ކޮން ރަށެއްގައި ހިނގާފައިވާ ކަމެއްކަން އެނގިފައެއް ނުވެއެވެ.
ޖަނަވާރަށް އަނިޔާކުރުމަކީ ޤާނޫނީ ކުށެކެވެ. ޤާނޫނުލްއުގޫބާތުގައި ބަޔާންވެގެންވާ ގޮތުން އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުން ނުވަތަ އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުމަކީ ވެސް ކުށެކެވެ.
މި ކުށުން އިސްތިސްނާ ވާނީ ސައިންޓިފިކް ތަހްލީލުކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ ޖަނަވާރަށް ބޭސްފަރުވާކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރާ އަމަލުތަކެވެ. ޖަނަވާރަށް އަނިޔާވެރިވުމުގެ ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އަަންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް