ބައިނަލްއަގުވާމީ އެހީގެ އަތެއް ނުލިބޭތީ ޔޫކްރެއިން ހާސްވެ ކަންބޮޑުވެފައި!

ހަނގުރާމައިގެ ތެރޭގައި އޮތް ޔޫކްރެއިންއަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ. ރަޝިއާ އަސްކަރީިއްޔާއިން ޔޫކް...

25 Feb 2022 | 17:33

ހަނގުރާމައިގެ ތެރޭގައި އޮތް ޔޫކްރެއިންއަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރަޝިއާ އަސްކަރީިއްޔާއިން ޔޫކްރެއިންގެ ދޮންބަސް ރީޖަންއިން އެގައުމަށް އެރީ އިއްޔެ ރޭ އެވެ. އަދި އިއްޔެ ފަތިހު ވަނީ ކަނޑާއި ވަޔާއި އެއްގަމު މަގުން ހަމަލާދޭން ފަށާފަ އެވެ. މިހަމަލާތަކުގައި މިހާތަނަށް އާންމުން ހިމެނޭހެން 137 މީހުން މަރުވެ، 316 މީހުން ޒަޚަމްވެފައިވެ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ ޔޫކްރެއިން ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރަން ޖެހިފައިވަނީ އެ ގައުމު އެކަނި ކަމަށެވެ. އޭނާ ވަނީ އެ ގައުމަށް އެހެން ގައުމުތަކުން އެހީތެރިވުމަށް ގޮވާލައްވާފަ އެވެ.

ޒެލެންސް ވިދާޅުވީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެކަނި އަޅައިގެން ނުފުދޭނެ ކަމަށާއި އެއަށް ވުރެ އިތުރަށް ވެސް ޔޫރަޕުން ގުޅިގެން ފިޔަވަޅު އެޅުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި ރަޝިއާ އާއި ޔޫކްރެއިން ބޯޑަރު ގުޅޭ ސަރަހައްދުގައި ހިމެނޭ ގައުމުތަކުންވެސް ރަޝިއާއަށް ފިޔަވަޅުއަޅައި ދިނުމަށް އެދިވަޑައިގެންނެވި އެވެ.

ގައުމާ މުހާތަބު ކުރައްވާ ޒެލެންސްކީ ވިދާޅުވީ ރަޝިޔާ އިން ޔުކްރޭނަށް ދޭ ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އޭނާ ކަމަށް ވިޔަސް ރަޝިޔާގެ ހަމަލާތަކަށް ބިރުން ގައުމާއި ރައްޔިތުން ދޫކޮށް ނުދާނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވި އިރު ނޭޓޯއިން ވަނީ ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާއަށް އެތައް އިންޒާރެއްދީ ޔޫކްރެއިން އާއި ދެކޮޅަށް ހަމަލާ ނުދިނުމަށް އެދިފަ އެވެ. އެކަމަކު ހަނގުރާމަ ފެށިތާ ދެ ދުވަސްވެ ޔޫކްރެއިން ރައްޔިތުން ގެ ދޮރު ދޫކޮށް ދާން މަޖުބޫރުވަމުން ދިޔަ ނަމަވެސް ނޭޓޯ ސިފައިންގެ ފަރާތުން މި ހަނގުރާމައިގަ ވަކިކޮޅެއް ނަގައި އެއްބާރުލުން ދޭތަނެއް ނުފެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް